ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކިރިޔާވެސް ގެއްލުމެއް ލިބެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެދިވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަން ޑިފެންސް މިނިސްޓަރު މާރިޔާއަށް އެނގިވަޑައިގަންނަވާ ކަމަށް ބުނެ ދަނީ ވާހަކަތަކެއް ދައުރުކުރަމުންނެވެ. އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގައި އިހުމާލުގެ އިނގިލި ޑިފެންސް މިނިސްޓްރީއަށް އަމާޒުކޮށްފައެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މޫސަ ރޭ ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަން މާރިޔާއަށް އެނގިވަޑައިގަންނަވާ ނަމަ އެކަން ރައީސް ނަޝީދާ ހިއްސާ ކުރައްވާނެ ކަމަށެވެ.
ހަތެއް ފެބްރުއަރީގެ ހާދިސާއަށް އަލި އަޅުވައިލައްވަމުން މޫސަ ވިދާޅުވީ، ރައީސް ނަޝީދަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް ވާން މާރިޔާ އެދިވަޑައިނުގަންނަވާނެ ކަމަށާއި އެކަން އޭނާއަށް ޔަގީން ކަމަށެވެ.
"މާރިޔާއަށް އެނގިވަޑައިގަންނަވައިގެން ރީކޯ މޫސައަށް އެނގިގެން އަދި އިބްރާހިމް މުހައްމަދު ސޯލިހަށް ކިރިޔާވެސް ފަހުމެއް ވެގެން ރައީސް ނަޝީދަށް ކިރިޔާވެސް ގެއްލުމެއް ވާން ނޭދޭނެ ކަން 100 ޕަސަންޓް ޔަގީން" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، ހަތެއް ފެބްރުއަރީގައި ރައީސް ނަޝީދަށް ފިއްލެވޭ ގޮތްވީ މާރިޔާގެ ސަބަބުން ކަމަށެވެ.
"އެއީ އެދުވަހު އަޅުގަނޑު ނުކުތީ ރައީސް ނަޝީދުގެ ފުރާނަ ސަލާމަތް ކުރަން. އަޅުގަނޑާ ހެދި ސަލާމަތް ވީ. އަޅުގަނޑުގައި ތަޅަން ފެށީމަ ދެން ނުކުތީ މާރިޔާ. މާރިޔާ ނުކުމެ އެ ދޭތެރެއަށް މެދުވެރިވީތީ ރައީސް ނަޝީދަށް ފިލޭނެ ގޮތް ވީ." މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ، މާރިޔާއަކީ އެމްޑީޕީގެ "މަންމަ" ކަމަށާއި ރައީސް ނަޝީދާއި އެ ދެ ބޭފުޅުންގެ ގުޅުން ހީކުރާ ވަރަށްވުރެ ވަރުގަދަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު