އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޒާތުގެ ތަކެތި ރާއްޖެ އެތެރެކުރުން މަނާކޮށް ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ 18 ވަނަ މާއްދާއަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ނަމަވެސް ޕާރުސަލް ތައްޓާއި އެކު ބައެއް އެހެން ބާވަތްތައް އެތެރެކުރުމުގެ ހުއްދަ މި އަހަރުގެ ނިޔަލަށް ދީފި އެވެ.
ރައީސް އޮފީހުން ބުނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ އިގްތިސޯދީ މަޑުޖެހުމަށް ރިއާޔަތްކޮށް އަދި މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ބަލައި އެކްސްޕޯޓު އިމްޕޯޓު ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލްޔޫޒް ޕްލާސްޓިކް ބާވަތްތައް ކަނޑައެޅުމާއި ބެހޭ ގަރާރަށް ބައެއް އިސްލާހުތައް ރައީސް ގެންނަވާފައިވާ ކަމަށެވެ.
އެގޮތުން ކާބޯތަކެތި ބަންދު ކުރާ ސްޓައިރަފޯމް ފޮށި ނުވަތަ ލަންޗް ބޮކްސް މަނާ ކުރާ ތާރީހަކީ މި އަހަރުގެ ޑިސެމްބަރު 31 ކަމުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ނޫން ބުއިންތައް ވަކި ކުރުމަށްފަހު، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި އެތެރެކުރުން މަނާވާނީ އަންނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހު ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، 50 މިލިލީޓަރާއި، އެއަށްވުރެ ކުދި ކޮންޑިޝަނާ އަދި ލޯޝަން ފުޅިވެސް ވަނީ އެތެރެކުރުން މަނާ ލިސްޓަށް އިތުރުކޮށްފައެވެ. އަދި، 2022 އިން ފެށިގެން، 200 މިލިލީޓަރާ ހަމަޔަށް ހިމެނޭ ކުދި ކޮންޑިޝަނާ އަދި ލޯޝަން ފުޅިވެސް ވަނީ އެތެރެކުރުން މަނާ ތަކެތީގެ ތެރޭގައެވެ.
ރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލްޔޫޒް ޕްލާސްޓިކްގެ ބާވަތްތައް ރައީސް ކަނޑައެޅުއްވުމާއެކު، އެ ކަން އިއުލާނު ކުރައްވައި ނެރުއްވާފައިވާ ގަރާރުގައި ބަޔާންކުރައްވާފައިވާ ތާރީހުތަކުން ފެށިގެން، އެ ތަކެތި އެތެރެކުރުން މަނާވާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު