ލިއޮަނަލް މެސީއާއެކު ބާސެލޯނާއަށް ކުޅުމަކީ އަބަދުވެސް ކުރާ އުންމީދެއް، އެކަން ވާނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އަލަށް ކްލަބާ ގުޅުނު ސާޖިއޯ އަގުއޭރޯ ބުނެފިއެވެ.
މެންޗެސްޓާ ސިޓީ ދޫކޮށް މި ސީޒަނަށް ބާސާއަށް ބަދަލުވި އުމުރުން 32 އަހަރުގެ އަގުއޭރޯއަކީ އާޖެންޓީނާ ގައުމީ ޓީމަށްވެސް މެސީއާއެކު ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ހަފަހަރަށް ދުނިޔޭ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ހޯދާފައިވާއިރު، ބާސާއާއެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ހަމަ ވާނެއެވެ. މިދިޔަ ސީޒަންގައިވެސް މެސީ ބާސާ ދޫކޮށްލަން އެދުނު ނަމަވެސް ބޯޑުން އެކަމަށް ފުރުސަތެއް ނުދިނެވެ. އޭގެ ފަހުން އަދި ކޮންޓްރެކް އާކޮށްފައި ނުވާއިރު، ބާސާއާ އަލަށް ހަވާލު ރައީސް ޖޮއާން ލަޕޯޓާއަށް އޮތް އެންމެ ބޮޑު މަސައްކަތަކީވެސް މެސީ ކްލަބުގައި މަޑު ކުރުވުމެވެ.
"މެސީއާއެކު ކުޅުމުގެ އުންމީދު ވަރަށް ބޮޑު. އަހަންނާ މެސީއާ ވަރަށް ޒަމާންވެއްޖެ ވާހަކަ ދައްކާތަންވެސް. އެކަމަކު މެސީގެ ކަންކަން ނިންމާނީ މެސީ ކްލަބާއެކު ވާހަކަ ދައްކައިގެން. އެކަމަކު އަހަންނަށް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް މެސީއާއެކު ބާސާއަށް ކުޅުމަކީ،" އުމުރުން 32 އަހަރުގެ އަގުއޭރޯ ބުނެފައިވެއެވެ.
އަގުއޭރޯ ބުނެފައި ވަނީ މެސީއަކީ އޭނާގެ ވަރަށް ޒަމާން ވީ ރަހުމަތްތެރިއެއް ކަމަށާއި، މެސީ ބާސާގައި އަދިވެސް މަޑުކުރާނެ ކަމަށް އޭނާ ދެކޭ ކަމަށެވެ.
އަގުއޭރޯ ސިޓީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު އެ ކްލަބު ދޫކޮށްލީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އަގުއޭރޯ ބާސާއާއެކު 2023 ވަނަ އަހަރާ ހަމައަށް އެއްބަސްވުން ހަދާފައިވެއެވެ. އޭނާގެ ބައިއައުޓް ކްލޯސްއަކީ 100 މިލިއަން ޕައުންޑެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު