ހދ. ކުޅުދުއްފުށި ސިޓީން ރަހީނު ކޮށް އަނިޔާކުރި މީހާގެ ބޮލުގެ އޮޕރޭޝަނެއް ކުރި ނަމަވެސް އަދިވެސް ހާލު ވަރަށް ސީރިއަސް ކަމަށް އާއިލާއިން ބުނެފި އެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު ކުޅުދުއްފުށީ މަގުމަތިން ރަހީނު ކޮށްގެން ގެންގޮސް އަނިޔާކޮށްފައި ވަނީ ކުޅުދުއްފުށީ، ރަތްފުސްގެ އަހުމަދު އިބްރާހިމް 29އ، އަށެވެ.
އަހުމަދުގެ ބައްޕަ އިބްރާހިމް ހަސަން "ވަން"އަށް މިއަދު ބުނީ، އިއްޔެ މެންދުރުގެ ވަގުތެއްގައި އޭނާގެ ދަރިފުޅު އޭޑީކޭ ހޮސްޕިޓަލަށް ގެނެސް ރޭ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ.
އިބްރާހިމް ބުނީ ދަގަނޑުބުރިއަކުން ހަމަލާ ދިނުމުގެ ސަބަބުން ބޮލުގެ ނާށިގަނޑު ދެ ފަރާތުން ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ.
އޮޕަރޭޝަނަށް ފަހު ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނީ އަހުމަދުގެ ބޮލުގެ ނާށިގަނޑު ފުނޑު ފުނޑުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ބޮލުގެ ނާށިގަނޑު ނަގައި އާޓިފިޝަލް ނާށިގަނޑެއް ލައްވާފައިވާ ކަމަށްވެސް ބުންޏެވެ. އަދި ސިކުނޑި ދުޅަވެފައިވާތީ ދުޅަ ތިރިވުމުން އިތުރު އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
އަހުމަދު އަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވުމަށް ރިހިބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން ދިޔަ ޒުވާނެކެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާ ހެދި ފަރުވާ މެދުކަނޑައިލަން ޖެހުމުން އޭނާ ވަނީ މާލެއިން ކުޅުދުށްފުއްޓަށް ބަދަލުވެފަ އެވެ.
އަހުމަދުގެ ބައްޕަ އިބްރާހިމް ބުނީ އަހުމަދުގެ ބޮލަށް ދިން ހަމަލާގެ ސަބަބުން ބައެއް މަސްތައް ވެސް މަރުވެފައިވާ ކަމަށެވެ. އަދި މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު ހާލު ވަރަށް ސީރިއަސް ކަމަށް ބުންޏެވެ.
މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި މިފަދަ ހަމަލާއެއް އަހުމަދަށް އަންނާނެ ކަމަށް ބަޔަކު މިހުން އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހެޅި ކަމަށް ވަރަށް ޔަގީން ކަމާއެކު އޭނާގެ ބައްޕަ ބުނެފައިވީ ނަމަވެސް ފުލުހުން ވަނީ އެކަން ދޮގު ކޮށްފަ އެވެ.
އެގޮތުން ފުލުހުން ބުނީ އެފަދަ ރިޕޯޓެއް އަހުމަދުގެ ފަރާތުންވެސް އަދި އޭނާގެ އާއިލަގެ ފަރާތުންވެސް ފުލުހަށް ރިޕޯޓު ކޮށްފައިނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު