ގާނޫނުުތައް ހެދުމާއި މިހާރު ކުރަން ހުރި އެހެން ހުރިހާ ކަމެއް ބަހައްޓާފައި 24 ގަޑިއިރު މަސައްކަތް ކޮށްގެންވެސް މިހާރުން މިހާރަށް ކުރަންޖެހޭ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ މައްސަލަ ބެލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

ހަސަންޓޭ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު، ގ. ކެނެރީގޭގައި ދިރިއުޅުއްވާނަމަ ވަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށާއި އެ ގެ ހުރި ގޮތާއި ހުރި ތަނުގެ ގޮތުން ސަލާމަތީ ކަންކަން ނުބެލެހެއްޓިދާނެކަން އެމްއެންޑީއެފުން ނަޝީދަށް ތަކުރާރުކޮށް އެންގި ކަމަށް ބުނެ، ކަމާބެހޭ ފަރާތްތަކާ ހަވާލާދީ "މިހާރު" ނޫހުގައި ލިޔެފައިވާ ރިޕޯޓެއްގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން، "މިހާރު" ނޫހުން ހާމަކޮށްފައިވާ މައުލޫމާތުތަކަކީ އާންމު މީހަކަށް ލިބޭނެ މައުލޫމާތު ތަކެއް ނޫން ކަމަށެވެ. އަދި ސަލާމަތީ ބާރުތަކަކީ ރައްޔިތުންނާއި ގައުމު ސަލާމަތް ކުރުމަށް ހުވާކޮށްގެން ތިބި ބަޔަކަށްވާ އިރު، އެފަރާތްތަކުގެ އަމަލުތައް ބަހައްޓަން ޖެހޭނީ އެ ހުވަޔާ އެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

ހަސަންޓޭ އިތުރަށް ވިދާޅުވީ، އެފަދަ ލިޔުމެއް ޝާއިއު ކުރުމުން ހަމައެކަނި ގެއްލުން ލިބެނީ ރައީސް ނަޝިދަށް ނޫން ކަމަށާއި އެ ލިޔުމުގެ ސަބަބުން އެތައް ރައްޔިތުންނަކަށް ބިރުވެރިކަން ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަމުން ބަރީއަވާން އިތުރަށް ލިޔުންތައް ލިޔުމަކީ ބޭނުންކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ހަސަންޓޭ ވިދާޅުވީ، ސިފައިންގެ މުއައްސަސާއަކީ މީގެ ކުރިންވެސް އިތުބާރު ގެއްލިފައިވާ މުއައްސަސާއެއް ކަމަށާއި އަދި އެ މުއައްސަސާ މިހާރުވެސް ދަތުރު ކުރަމުންދަނީ އެ މަގުން ކަމަށެވެ. އަދި ނޫސްތަކުންވެސް ލިޔުންތައް ޝާއިއު ކުރާ އިރު ގައުމީ ސަލާމަތާއި ރައްކާތެރި ކަމަށް ބަލައިގެން ލިޔުންތައް ޝާއިއު ކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ މައްސަލައަކީ، އެއްވެސް އިރަކުން މަޖިލީހުން ނުބަލައި ދޫކޮށްލާނެ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި ހަސަންޓޭ ވިދާޅުވީ، ގާނޫނު ހެދުމާއި އެހެނިހެން ކުރަން ހުރި ހުރިހާ މަސައްކަތްތަކެއް ބެހެއްޓުމަށްފަހު، 24 ގަޑިއިރު އުޅެގެންވެސް މިހާރު ބަލަންޖެހޭ މައްސަލައަކީ ރައީސް ނަޝީދަށް ކުރިމަތިވި މައްސަލަ ކަމަށެވެ. އަދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނީ އޭރުން ކަމަށްވެސް ވިދާޅުވިއެވެ.