ޚަބަރު

މާލެ ދަތުރުކުރާ ބޯޓެއްގެ ކޭޝިއަރު ޕޮޒިޓިވް ވެ، ފަރެސްމާތޮޑާ މޮނިޓަރިން އަށް

ރިފާ ހަލީލު

ގދ. ފަރެސްމާތޮޑާ އާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކޭޝިއަރަކަށް މަސައްކަތް ކުރާ މީހަކު ޕޮޒިޓިވް ވެ، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ..

ފަރެސްމާތޮޑާ ކައުންސިލުގެ ނައިބު ރައީސް ނަސްރުﷲ މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، އެމީހާ ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތް ހުރެގެން އިއްޔެ އެރަށު ޕުލޫ ކުލިނިކަށް ދައްކައި، ނެގި ސާމްޕަލްގެ ނަތީޖާ މިއަދު ލިބުމުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަކީ އެރަށު "ފަހިރޯޅި" ނަމަކަށް ކިޔާ ބޯޓެއްގައި މަސައްކަތް ކުރާ ކޭޝިއަރެވެ. އަދި އެ ބޯޓަކީ އެ އަތޮޅުގެ ގިނަ ރަށްތަކަށް މުދާ ހިފައިގެން ދަތުރު ކުރާ ބޯޓެކެވެ.

ނަސްރުުﷲ ވިދާޅުވީ އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް ހަ ގެއެއް ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންވެސް ރައްކާތެރި ކަމަށް ސަމާލުކަން ދީގެން ޕޮޒިޓިވް ވި މީހާއާ ކޮންޓެކްޓް ވެފައިވާނަމަ އެ މައުލޫމާތު ސިއްހީ މަރުކަޒާ ހިއްސާ ކުރުުމަށް އެދުނެވެ.

ފަރެސްމާތޮޑާ އާއެކު ރާއްޖޭގެ 73 ރަށެއް މިހާރުވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.