އެމްއެންޑީއެފުގެ މައުލޫމާތުތައް މީޑިއާއަށް ލީކު ކުރާ ފަރާތްތަކަކީ ކޮބައިތޯ ދެނެގަނެ އެފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅައި، އެފަދަ ފަރާތްތައް މަގާމުން ދުރުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު އެ މަނިކުފާނުގެ އާއިލީ ގެކޮޅު، ގ. ކެނެރީގޭގައި ދިރިއުޅުއްވާ ނަމަ ވަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށާއި، އެ ގެ ހުރި ގޮތާއި ހުރި ތަނުގެ ގޮތުން ސަލާމަތީ ކަންކަން ނުބެލެހެއްޓިދާނެކަން އެމްއެންޑީއެފުން ނަޝީދަށް ތަކުރާރުކޮށް އެންގިކަމަށް ބުނެ، ކަމާބެހޭ ފަރާތްތަކާ ހަވާލާދީ "މިހާރު" ނޫހުގައި ލިޔެފައިވާ މައުލޫމާތުތައް ހާމަކުރި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އެ މައުލޫމާތުތައް ހާމަކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ބަލަން ވަނީ ނިންމައިފައެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުން އެ މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަަހަޅައިގެން ކުރިއަށް ގެންދިޔަ ބަހުސްގައި މީކާއީލް ވިދާޅުވީ އެ މައްސަލައަކީ އެންމެންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.
އެ މައުލޫމާތުތައް ހާމަކުރުމަކީ، މިމަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާ ނުބައި ގޮތަކަށް ޓްވިސްޓް ކުރަން މަސައްކަތްކުރާ ތަން ފެނިގެންދާ ކަމެއް ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވީ، މިހާރު ނޫހުގައި ލިޔެފައިވާ އެ ލިޔުމާ ގުޅިގެން މަޖިލީހުގެ ޓޫފޯވަން ކޮމިޓީން އެ މައްސަލަ ބަލަން ނިންމުމަކީ، ނޫސްވެރިކަމުގެ މިނިވަންކަމަށް މަޖިލީހުގެ ކޮމިޓީއަކުން ހުރަސް އަޅަން މަސައްކަތް ކުރާ ކަމަށް ދެކި، ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މެންބަރުންނާމެދު ވަރަށް ނުބައި ތަސައްވުރެއް ފެތުރިފައިވާ ކަމަށެވެ.
ނަމަވެސް މީކާއީލް ވިދާޅުވީ، ކޮމިޓީން އެކުރާ މަސައްކަތަކީ، އެއްްވެސް ހާލެއްގައި ނޫސްވެރިކަމުގެ ހައްގަށް އަރައިގަތުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި، އެއީ ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ހާމަކުރަން ކުރާ މަސައްކަތެއް ނޫން ކަމަށެވެ.
މި ކަމަކީ ދިވެހި ދައުލަތުގެ ދިފާއީ ބާރު ފޫ ގޮސްފައި އޮތްކަމަށް ފާހަގަ ވެގެން ބައެއްގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ހުރަސް އެޅިދާނެ ކަމެއް ކަން ފާހަގަވެގެން ބަލަން ނިންމި މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަންނާކަށް ނޫން މިއުޅެނީ، މިއުޅެނީ ގާނޫނުއަސާސީގެ ދަށުން ދިފާއީ ބާރަށް މަޖުބޫރު މެންއިޑޭޓެއް ފުރިހަމަ ނުކޮށް ވާތީ އަދި ދިފާއީ ބާރުގެ ތެރެއިން ފޫގޮސްގެން ބައެއްގެ ހަށި ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ އެކަން ތަހުގީގު ކުރުމަށް އެމައްސަލަ ތަހުގީގު ކުރެވި އޭގެ އެންމެ ފުންމިނަށް ދިއުމަށް 241 ކޮމިޓީން ކުރާ މަސައްކަތެއް،" މީކާއީލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު