ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކް ކުރި މައްސަލައިގައި ހައްޔަރުކޮށް، އެ މައްސަލަ ނިމެންދެން ބަންދުކޮށްފައިވާ ރ. އިނގުރައިދޫ/ އެލެކްސާ، މުހައްމަދު ވިސާމު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ނުކުރުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި، ވިސާމުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ، "މަސްޖަރީ 2" ދޯންޏާއި "މަލާ ސްޕީޑް 2" (ޕްރިންސަސް ސަމީރާ ލޯންޗު) ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގައި ވިސާމުގެ ބައިވެރިވުން އޮތް ކަމުގެ މައްޗަށް ހެކި ލިބިފައިވާ ކަމަށް ބަޔާންކޮށެވެ.

ނަމަވެސް އެ މައްސަލައިގައި ވިސާމު ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ އެ ކޯޓުގެ އަމުރު ބާތިލުކޮށްދިނުމަށް ވިސާމުގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ.

މި މައްސަލައިގައި ވިސާމު ބުނެފައި ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނީ، އެކަށީގެންވާ ހެކި ނެތި، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި ދައުލަތުން ބުނެފައި ވަނީ ވިސާމުގެ މައްޗަށް މި މައްސަލައިގައި ތުހުމަތު ކުރެވުނީ މަސްޖަރީ ދޯނި ހޯދަން ވިސާމު އުޅުނު ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ވިސާމު އެދޯނި ހޯދަން އުޅުނު ކަމަށް ބުނާ ހެއްކަކު ހުރުމާއި އަދި މަސްޖަރީ ދޯނި ބަލައި ޕްރިންސަސް ސަމީރާ ލޯންޗު ދާން އުޅޭކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައިވާ އިރު، ވިސާމު އެ ލޯންޗު ކުއްޔަށް ހިފުމަށް ނަގުދު ފައިސާ ދިން ކަމަށް ބުނާ ހެއްކަކު ހުރުމުން ކަމަށެވެ.

މީގެ އިތުރުން އެކަން ހިނގި ރޭ އިރުފާން ތަގިއްޔުއާއެކު ވިސާމު ހިނގާފައި ދިޔަ މަންޒަރު ފެންނާތީ އާއި މަސްތުވާތަކެތި ފެނުނު ކާރުގައި އައި މީހުން ބަލައި ވިސާމު އާއި އިތުރު ބަޔަކު ދިޔަކަން ސީސީޓީވީ ފުޓޭޖުން އެނގެން އޮންނާތީ ހެކި ގަރީނާ ގުޅުވާލުމުން ޑައިމޯފިން ޓްރެފިކް ކުރުމުގައި ވިސާމުވެސް ބައިވެރިވެފައިވާ ކަމަށް ގަބޫލުކުކުރެވޭ ހެކި ލިބިފައިވާ ކަމަށެވެ.

އަދި އެ ހެކިތައް ދަށު ކޯޓަށް ހުށަހަޅާފައިވާނެ ކަމަށާއި ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބެހެއްޓުމުގައި ހެއްކަށް ރިއާޔަތް ކުރަން ޖެހެނީ މަދަނީ މިންގަނޑުން ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.

މި މައްސަަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ވިސާމުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިއާޔަތްކޮށް، އެ އަމުރު ބާތިލު ކުރަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ހުކުން ކުރާ ކަމަށެވެ.