ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބާކީއޮތް ތިންވަނަ ބުރުގެ މެޗުތައް ނުކުޅޭ ގޮތަށް ނިންމައި، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްވެސް ކެންސަލް ކޮށްފިއެވެ.
ކްލަބުތަކާއެކު އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން މަޝްވަރާކޮށް އެ ނިންމުން ނިންމާފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފައެވެ.
އެފްއޭއެމްގެ އެނުއަލް ކޮންގްރެސް ބައްދުލުން މެމްބަރު ކްލަބުތަކާއެކު މިއަދު އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވާ އިރު، ބައްސާމް ވަނީ ސީޒަންގެ ބާކީ ބަޔާ ދޭތެރޭ ނިންމާފައިވާ ނިންމުން ޓުވިޓާގައި ހިއްސާ ކުރައްވަައިފައެވެ.
ބައްސާމް ވިދާޅުވީ ކޮވިޑް 19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައިވުމާއެކު ލީގު މިހާރު އޮތް ހިސާބުން ކުރުކޮށްލައި، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްވެސް ކެންސަލް ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ތިންވަނަ ޑިވިޝަން ކުޅެވޭނެ މާހައުލެއް ގާއިމުވުމުން އެ މުބާރާތް ކުޅެވޭނެ ކަމަށާއި ދެވަނަ ޑިވިޝަން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ކޮވިޑް ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވެ އެޗްޕީއޭގެ އުސޫލުތަކާއެކު އަލުން މި ސީޒަންގެ ލީގު ފެށި ނަމަވެސް ދޭތެރެއަކުން ހުއްޓާލަން ޖެހުނެވެ. އެފަހަރު ހުއްޓާލުމަށްފަހު ގިނަ ކުޅުންތެރިންނާއި ކްލަބުތަކުގެ އިތުރުން، އެފްއޭއެމްއާއި ޔޫތު މިނިސްޓްރީން ކުރި މަސައްކަތުގެ ސަބަބުން ސަރުކާރުން ވަނީ ލީގު ފުޓުބޯޅަ ކުރިއަށް ގެންދަން ހުއްދަ ދީފައެވެ. އެފަހަރު ލީގުގެ ދެވަނަ ބުރު ނިންމާލުމަށްފަހު ބްރޭކަށް ގޮސްފައިވާ އިރު، ގައުމީ ޓީމުގެ މެޗުތަކަށް ކުޅުންތެރިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ރާއްޖޭގެ ދަނޑުގައި ފަރިތަކުރުންތަކަށް ފުރުސަތު ނެތުމުން ދިވެހި ޓީމް ކޭމްޕް ކުރީ ޑުބާއީގައެވެ.
ހާލަތު ގޯސްވުމާއެކު ކުރިންވެސް ބައްސާމް ވަނީ ލީގު އެ ހިސާބުން ނިންމާލަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭރު ބައްސާމް ވިދާޅުވީ އަމިއްލަ ވިސްނުމަކީ ލީގުގެ ދެ ބުރު ކުޅެފައިވުމާއެކު، ތިންވަނަ ބުރު ނުކުޅެ ލީގު ނިންމާލުން ކަމަށެވެ. އެ ހިސާބުން ޕްރެޒިޑެންޓްސް ކަޕް ފަދަ މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށާއި ކަޕް މުބާރާތެއް ބާއްވަން ޖެހެނީ އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޖާގަ ލިބޭނީ ކަޕް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ކަމަށް ވާތީ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް އޭރުވެސް ވިދާޅުވީ ޕްރެޒިޑެންޓްސް ކަޕުވެސް ނުބޭއްވިއްޖެ ނަމަ، ލީގުގެ ދެވަނައިގައި އޮތް ޓީމަށް އެ ޖާގަ ދިނުމަކީވެސް ގެންގުޅުއްވާ ވިސްނުމެއް ކަމަށެވެ. އަދި ކުރިންވެސް ވިދާޅުވީ ވިސްނުން ހުރީ މިއަހަރުގެ އެފްއޭ ކަޕުވެސް ނުބޭއްވުމަށް ކަމަށާއި ސަބަބަކީ އެ މުބާރާތަކީ ބައިވަރު ކުލަބުތަކެއް ވާދަކުރާނެ މުބާރާތަކަށް ވުމުން، މި ދަނޑިވަޅުގައި އެ މުބާރާތް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ލީގުގެ ދެވަނަ ބުރު ނިމުނު އިރު، އެއްވަނައިގައި މާޒިޔާ އޮތީ މެޗަކުން ބަލިނުވެ، 13 މެޗުން 31 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ކްލަބު ވެލެންސިއާ އޮތްއިރު، 13 މެޗުން އެޓީމަށް ލިބުނީ 24 ޕޮއިންޓެވެ. ތިންވަނައިގައި އޮތީ ކްލަބު ގްރީން ސްޓްރީޓްސްއެވެ. ދެން ގަދަ ހަތަރެއްގެ ތެރޭގައި އޮތީ ކްލަބު އީގަލްސްއެވެ. ފަސްވަނައިގައި ދަ ގްރާންޑޭ އޮތް އިރު، ސުޕަ ޔުނައިޓެޑް އޮތީ ހަވަނައިގައެވެ. ޓީސީއަށް ހަތްވަނަ ލިބިފައިވާ އިރު، ފުލުގައި އޮތީ ޔުނައިޓެޑް ވިކްޓަރީއެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް