މީޑިއާ ނުވަތަ ނޫސްވެރިއެއް ނުވަތަ ނޫސްވެރިޔަކު ބޭނުންކުރި މަސްދަރެއްގެ މައްސަލަ ބެލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހަމަތަކުގެ ތެރެއިން ރާއްޖޭގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

އެސޯސިޝީއޭޝަނުން މިހެން ބުނެފައިވަނީ މިހާރު ނޫހުގައި ޝާއިރުކުރި ''ކެނެރީގެ ސެކިއުރިޓީ ނުދެވޭނެ ކަމާއި، ނުރައްކާ އޮތްކަން އެމްއެންޑީއެފުން އެންގި'' މި ސުރުހީގެ ދަށުން ޝާއިއުކުރި ރިޕޯޓަކާއެކު ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމެޓީ މައްސަލަ ބަލާނެ ކަމަށް ބުނެފައިވާތީ ނެރުނު ނޫސްބަޔާނުގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ކޮމެޓީގައި ބަލާނެ ކަމަށް ބުނެފައިވާ މައްސަލައިގެ ތެރޭގައި މީޑިއާއަކުން ހާމަކުރި މައުލޫމާތު ހިމެނޭތީވެ އެ ޖަމިއްޔާއިން އެކަން ހިނގާނުހިނގާގޮތް އެކަން ބަލަމުން އަންނަ ކަމަށެވެ.

ކޮމެޓީން މައްސަލަ ބަލާބެލުމުގައި މިހާރު ނޫހާއި އެ ނޫހުގައި އެ ރިޕޯޓު ލިޔުނު ނޫސްވެރިޔާގެ މައްސަލަ ނުވަތަ އެ މައުލޫމާތު ދިން މަސްދަރު ހޯދަން މަސައްކަތް ކޮށްފާނެތީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމަށެވެ. މިގޮތަށް ބެލުމަކީ މީޑިއާ ނުވަތަ ނޫސްވެރިއެއް ނުވަތަ ނޫސްވެރިޔަކު ބޭނުންކުރި މަސްދަރެއްގެ މައްސަލަ މިގޮތަށް ބެލޭނެ ކަމަކަށް އެމްޖޭއޭ އިން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިއު ކުރުމާއި ފެތުރުމުގެ މިނިވަންކަމާއި އަދި އެގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ސިއްރު ކުރުމުގެ ހައްގަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.