ބޮމާއި އައިއީޑީ ހެދުމުގެ ގާބިލުކަން ލިބިފައިވާ މީހުން މުޖުތަމައަށް ދޫވެފައިވާ ކަމަށާއި އެމީހުން ބަންދުގައި ބޭތިއްބޭނެ ގޮތެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ، ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވުމާއި ގުޅިގެން، އެކަން ސާފު ކޮށްދެއްވުމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ދިނުމަށް އެދިއްޖެއެވެ.
އެކަމަށް އެދިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.
އިމްރާން އެހެން ވިދަޅުވީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ބޮމާއި އައިއީޑީ ހެދުމުގެ ގާބިލުކަން ލިބިފައިވާ މީހުން މުޖުތަމައަށް ދޫވެފައިވާ މައްސަލައިގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެކަމާ ގުޅޭ ގޮތުން އިމްރާންއާ ސުވާލު ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ވިދާޅުވީ، ނުރައްކާތެރި 15 މީހަކު މުޖުތަމައުގައި އުޅޭ ކަމަށާއި އެހެންކަމުން ޓެރަރިޒަމްގެ ގާނޫނު އަވަހަށް ނިންމަން ޖެހޭ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިސް ރިސެސްގައި އޮވެގެން 2019 ވަނަ އަހަރު ޓެރަރިޒަމްގެ ގާނޫނު މަޖިލީހުން ނިންމައިދީފައިވާ ކަމަށެވެ.
އެހެންކަމުން އޭރު މުޖުތަމައަށް ނުރައްކާތެރި މީީހުންގެ ގޮތުގައި ތިބި ކިތައް މީހުން މިހާރު ހައްޔަރު ކޮށްފައިވޭތޯ އާއި އެމީހުން ހައްޔަރު ކުރިނަމަ މިހާރު ތިބީ ބަންދުގައިތޯ، ނުވަތަ ޖަލުގައިތޯ، ނުވަތަ އެމީހުން ތިބީ ހުކުމެއްގައިތޯ ނުވަތަ މުޖުތަމައަށް ދޫވެފައިތޯ އިލިޔާސް ލަބީބު ސުވާލު ކުރެއްވިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، އެފަދަ މީހުން ހައްޔަރު ނުކުރެވެނީ، އެފަދަ މީހުންނަށް ލިބިފައިވާ ގާބިލުކަމަކާ ހުރެގެންނޭ ކިޔައި، އެމީހުން ބަންދުގައި ބޭތިއްބޭނެ ގޮތެއް ނެތިގެން ކަމަށެވެ. ނަމަވެސް އޭރު ގާނޫނު އިސްލާހުވެގެން އައި އިރުވެސް އެފަދަ މީހުން ބަންދުގައި ބޭތިއްބޭނެ ގޮތެއް ގާނޫނުގެ ތެރެއިން ހަމަޖެހިފައި ނެތް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށްފަހުވެސް އެވާހަކަތައް މަޖިލީހާއި އެކި ތަންތަނުގައި ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އައިއީޑީ ހެދުމުގެ ގާބިލުކަން ލިބިފައިވާ ފަރާތްތައް މުޖުތަމައަށް ދޫވެފައި ތިބުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އެފަދަ ފަރާތްތައް ހައްޔަރުކޮށް، ރިހެބިލިޓޭޓް ވަންދެން ދައުލަތުގެ ބަންދުގައި ބޭތިއްބޭނެ ނިޒާމެއް ގާނޫނުގެ ތެރެއިން ލިބިދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"އެފަދަ ފަރާތްތައް ދޫވެފައި މި ތިބެނީ، އެ ގާބިލުކަން ހުރިކަމަށް ފުލުހުންގެ ރިޕޯޓުތަކުން އެނގުނު ކަމުގައިވީ ނަމަވެސް އޭނާ އެފަދަ އަމަލެއް ހިންގާކަން ނުވަތަ ހިންގަން އުޅޭ ކަމަށް ސާބިތު ކޮށްދެވެން ނެތީތީވެ، އޭނާއަށް ލިބިފައި ހުރި ގާބިލު ކަމަކާ ހުރެ އޭނާ ބަންދުގައި ބެހެއްޓޭނެ ގޮތެއް ގާނޫނުގެ ތެރެއަކުން ދައްކައެއް ނުދޭ،" އިމްރާން އޭރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު