ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިސްޓް ހަމަލާއެއް ދޭން ރާވާ ކަމުގެ ތުހުމަތާއެކު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތައް ހިންގަމުންނެވެ.
އެގޮތުން އެ އޮޕަރޭޝަންގެ ތެރެއިން ހުޅުމާލެ އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް ވިދާޅުވީ، އެމީީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ފުލުހުން ވަނީ ބޮޑެތި ތުހުމަތުތެއް ކޮށްފައެވެ. އެގޮތުން ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަމަލާއެއް ރާވަމުން ދިއުމާއި އެކަމުގައި ބައިވެރިވުމާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމާއި، ޖިހާދުގެ ނަމުގައި ހަނގުރާމައަށް މީހުން ފޮނުވުމާއި، ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމުގެ އިތުރުން ދީނީ ހަރުކަށި ފިކުރު ފަތުރާ ކްލާސްތަކެއް ހިންގުމުގެ ތުހުމަތު ވަނީ ކޮށްފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެ ހަމަލާއަށް ފަހު ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން މިމަހުގެ 18 ވަނަ ދުވަހުވެސް ވަނީ ހަރުކަށި ފިކުރުގެ ބޮޑަކު މާލެއިން ހައްޔަރުކޮށްފައެވެ. އަދި އޭގެ ފަހުން އައްޑޫ ސިޓީންވެސް ވަނީ ހަރުކަށި ފިކުރާ ގުޅުން ހުރި ހަތް މީހަކު ހައްޔަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު