ތިން ހަފުތާ ފަހުން މާލެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 500 އިން ދަށްވެއްޖެއެވެ.
މާލެއިން ޕޮޒިޓިވްވި އަދަދު އެންމެ ފަހުން 500 އިން ދަށަށް ދިޔައީ މިމަހުގެ އަށް ވަނަ ދުވަހުއެވެ. އެ ދުވަހު ނެގި ޖުމުލަ 4014 ސާމްޕަލުން ޕޮޒިޓިވްވީ 590 މީހުންނެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 439 އެކެވެ.
މި މަހުގެ އަށްވަނަ ދުވަހުގެ ފަހުން މާލެ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 500 އިން މަތީގައި ހުރި އިރު މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 468 މީހުނެވެ. އެއީ 4821 ސާމްޕަލްގެ ތެރެއިންނެވެ.
ކޮވިޑު ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިދިޔަ މަހު ބޮޑެތި ލުއިތަކެއް ދިނުމާއެކު، އަދަދުތައް އަނެއްކާވެސް ބޮޑުތަނުން އިތުރުވިއެވެ. އެގޮތުން އެބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެސް މި މަހުގައެވެ. އަދި ރާއްޖޭގައި ބަލި ފެތުރުން ފެށި ފަހުން އެންމެ ގިނަ މީހުން އެ ބަޔަށް ޕޮޒިޓިވްވެފައި ވަނީވެސް މި މަހުގެ ތެރޭގައެވެ. އެ ބައްޔަށް މިހާރުވެސް 24،818 މީހަކު ފަރުވާ ހޯދަމުންދާ އިރު، އެއީ ރެކޯޑް އަދަދެކެވެ.
ކޮވިޑަށް ޕޮޒިޓީވް ވާ މީހުން ބޮޑުތަނުން އިތުރުވެފައިވާ އިރު، ބަލި ފެތުރުން ހުއްޓުވުމަށް މިދިޔަ ބުދަ ދުވަހު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެއާއެކު ދެ ހަފުތާ ތެރޭގައި ޕޮޒިޓިވް އަދަދު މަދުކުރެވޭނެ ކަމަށް އެޗްޕީއޭ އިން ލަފާކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު