ރަޝިޔާ އިން ވެކްސިން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި، ވީހާވެސް އަވަހަކަށް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް ދެއްވައިފިއެވެ.

ރަޝިޔާ އިން އެ ޔަގީންކަން ދެއްވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރަޝިޔާގެ ފޮރިން މިނިސްޓަރާ ފޯނުން ރޭ ވާހަކަދައްކަވައި، ކުރެއްވި މަޝްވަރާތަކުގައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، ރަޝިޔާގެ ފޮރިން މިނިސްޓަރާއެކު ކުރެއްވި މަޝްވަރާތަކުގައި ކޮވިޑުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާ އަދި މިހާލަތުން އަރައިގަތުމަށް ކުރެވޭ މަސައްކަތާ ބެހޭ ގޮތުން މައުލޫމާތު އެރުވި ކަމަށެވެ.

އޭގެ އިތުރުންވެސް ދެގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ރާއްޖެއިން ރަޝިޔާގެ ސްޕުޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒު ވެކްސިނަށް އޯޑަރު ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ދެ ދުވަހެއްގެ ތެރޭގައި އެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވި ގޮތުންނަމަ، ރަޝިޔާގެ ވެކްސިނަށް އޯޑަރުދީ އެއްބަސްވުމުގައި ސޮއިކުރާތާ ހަތަރު ހަފުތާ ތެރޭގައި ވެކްސިން ލިބޭނެއެވެ.