ކޮވިޑް ޖެހިގެން ގއ. ވިލިނގިލިން މީހަކު މަރުވެ، ރާއްޖޭން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ 151 އަށް އަރައިފިއެވެ.
ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހުމަދު މިރޭ "ވަން" އަށް ވިދާޅުވީ އެ އަތޮޅު ދާންދޫ މީހަކު މިރޭ މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ 67 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާ މަރުވެފައިވަނީ މިރޭ 8:30 ހާއިރު ކަމަށާއި މަރުވެފައިވަނީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެމީހާއަށް ކޮވިޑް ޖެހިގެން ވިލިނގިލި ފެސިލިޓީގައި ފަރުވާދޭން ފަށާފައިވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިން ކަމަށެވެ.
މިއީ މިއަދުގެ ތިންވަނަ މަރެވެ. މިއަދު ވަނީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނަކާއި އައިޖީއެމްއެޗް އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން އައި 79 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައެވެ.
މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 151 އަށް އަރާފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ 136 ދިވެހިންނާއި 14 ބިދޭސީންނެވެ. މި މަހުގެ މިހާތަނަށް 78 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު