ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެގެން އާމްދަނީ ހޯދާ މީހުން މަދުވާން ފަށާފައިވާ ކަމަށާއި ވަޒީފާ ނެތް މީހުން މަދުވަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިދިޔަ އަހަރުގެ މެދުތެރޭގައި އެމްޕްލޯއިމަންޓް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށާއި އަންއެމްޕްލޯއިމަންޓް ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޕެންޝަން އޮފީހުގައި ރަޖިސްޓްރީ ކޮށްފައިވާ މުވައްޒަފުންގެ އަދަދު، މިދިޔަ އަހަރު ދަށަށް ދިޔުމަށް ފަހު މިއަހަރުގެ ފެބްރުއަރީ މަހު، 2019 ވަނަ އަހަރާ އެއްވަރަށް މަތިވެފައިވާ ކަމަށެވެ.

"ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންގެ ތެރެއިން އިންކަމް ސަޕޯޓް އެޕްރޫވް ކޮށްފައިވާ އަދަދު ނޮވެންބަރު މަހުން ފެށިގެން ވަނީ ދަށަށް ދާން ފަށާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބޯޑަރު ހުޅުވާލައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަން ފަށައި އަދި ސަރުކާރުގެ އިކޮނަމިކް ރިކަވަރީ އަދި އިކޮނަމިކް ސްޓިމިއުލަސް ޕެކޭޖްތަކުގެ ސަބަބުން މިދިޔަ އަހަރު ނިމުނުއިރު އިގުތިސާދު ރިކަވާވާން ފަށާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެމްޕްލޯއިމަންޓް ކުރިއަރަން ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި އަހަރު އިގުތިސޯދު އިތުރަށް ރަނގަޅުވާނެ ކަމަށް ލަފާކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މި އަހަރުގެ ތެރޭގައި އަންއެމްޕްލޯއިމަންޓް އިތުރަށް ދަށްވާނެ ކަމަށާއި އަދި އެމްޕްލޯއިމަންޓް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.