މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން 10 އަހަރުން ދަށުގެ 52 ކުޑަކުދިން ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަހަރުގެ މިހާތަނަށް 10 އަހަރުން ދަށުގެ 5،000 އަށްވުރެ ގިނަ ކުޑަކުދިން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 52 ކުޑަކުދިން ޕޮޒިޓިވްވާ ކަމަށް ބުންޏެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވެފައިވާ އިރު، މި ބަލި ޖެހޭ މާބަނޑު މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެކަމުގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށްވެސް ބަލީގެ އަސަރުކޮށް ހާލު ސީރިއަސްވެ ފަރުވާ ދޭން ޖެހިފައި އެބަހުއްޓެވެ.

ދުވާލެއްގެ މައްޗަށް 1،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވަމުންދާ އިރު، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 150 އަށް އަރައިފައެވެ. ބަލީގައި އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ.