ޖުލައިން ފެށިގެން އިންޓަނެޓުގެ އަގު 30-28 ޕަސެންޓް ހެޔޮ ކުރަން ސަރުކާރުން ނިންމައިފި އެވެ.
ވާޗުއަލްކޮށް މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގައި ސަރުކާރުން ބުނީ، އިންޓަނެޓުގެ ހިދުމަތުގެ އަގަށް ބަދަލު ގެނެވޭނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.
ފުރަތަމަ ފިޔަވަހީގައި އަންނަ ޖުލައި މަހުން ފެށިގެން އަގުތައް ހެޔޮ ކުރަން ނިންމާފައި ވަނީ ރެސިޑެންޝިއަލް އިންޓަނެޓުގެ ހިދުމަތުންނެވެ. އަދި ދެވަނަ ފިޔަވަހީގައި އަންނަ އޮކްޓޯބަރު މަހު މޯބައިލް ބްރޯޑްބޭންޑުގެ ހިދުމަތުގެ އަގަށް ބަދަލު ގެންނާނެއެވެ.
އެގޮތުން ރެސިޑެންޝިއަލް އިންޓަނެޓުގެ ހިދުމަތުގެ އަގުތަށް 30-28 ޕަސެންޓާ ދެމެދަށް ދަށްކޮށް، ޕެކޭޖުގެ ތްރޮޓަލް ސްޕީޑު ނުވަތަ އެންމެ ދަށް ސްޕީޑު 2 އެމްބީޕީއެސް ނުވަތަ 5 އެމްބީޕީއެސް އަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ.
މި ބަދަލާއެކު އިންޓަނެޓު ޕެކޭޖުތަކުގެ ތްރޮޓަލް ސްޕީޑު މިވަނީ ދެގުނަ އަދި ފަސް ގުނަ މަތިވެފައެވެ. މިހާރު ޖުމުލަ ގޮތެއްގައި ތްރޮޓަލް ސްޕީޑަކީ 1 އެމްބީޕީއެސް އާއި 2 އެމްބީޕީއެސްއާ ދެމެދެވެ.
- 250 ރުފިޔާގެ ޕެކޭޖު: 5 އެމްބީޕީއެސްގެ ސްޕީޑުގައި 30 ޖީބީ (ތްރޮޓަލް ސްޕީޑް 2 އެމްބީޕީއެސް)
- 500 ރުފިޔާގެ ޕެކޭޖު: 15 އެމްބީޕީއެސްގެ ސްޕީޑުގައި 100 ޖީބީ (ތްރޮޓަލް ސްޕީޑް 5 އެމްބީޕީއެސް)
- 750 ރުފިޔާގެ ޕެކޭޖު: 25 އެމްބީޕީއެސްގެ ސްޕީޑުގައި 200 ޖީބީ (ތްރޮޓަލް ސްޕީޑް 5 އެމްބީޕީއެސް)
މި ތިން ޕެކޭޖުގެ ތެރެއިން 250 ރުފިޔާގެ ޕެކޭޖަކީ މިހާރު 350 ރުފިޔާ އަށް ދޭ ޕެކޭޖެވެ. އަދި 500 ރުފިޔާއަށް ދޭ ޕެކޭޖަކީ 690 ރުފިޔާއަށް ދޭ ޕެކޭޖެވެ. ތިން ވަނަ ޕެކޭޖުގެ އަގު ވަނީ 990 ރުފިޔާ އިން 700 ރުފިޔާއަށް ހެޔޮކޮށްފައެވެ.
އިންޓަނެޓުގެ އަގުހެޔޮ ކުރުމަކީ، މި ސަރުކާރު ވެރިކަމަށް އައުމުގެ އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ.
ސަރުކާރުން ބުނީ، އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ ސިޔާސަތު ތަންފީޒު ކުރަން ފެށުމުން، ރާއްޖޭގައި ދޭ އިންޓަނެޓުގެ ހިދުމަތުގެ ފެންވަރާއި އަގުތައް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ރެގިއުލޭޓް ކުރަމުންދާނެ ކަމަށެވެ.