އަމާޒަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ ފަސޭހަ ނިޒާމެއް ގާއިމުކުރުން ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
އިންޓަނެޓުގެ އަގަށް ގެނައި ބަދަލުތައް އިއުލާން ކުރުމަށަ މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ދިރިއުޅުމުގެ ގިނަ ކަންކަން ބަރޯސާވެފައި ވަނީ އިންޓަނެޓްގެ މައްޗަށް ކަމަށެވެ.
އެހެން ކަމުން އަމާޒަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ ފަސޭހަ ނިޒާމެއް ގާއިމުކުރުން ކަމަށް ވިދާޅުވި އެވެ.
ކޮވިޑުގެ މިފަދަ ބޮޑު ބަލިމަޑުކަމެއްގެ ތެރެމޭގައި ގޭގައި ތިބެގެން ފަސޭހައިން ހިދުމަތް ލިބިގަތުމަކީ އެންމެންވެސް ބޭނުންވާނޭ އެއް ކަމެއް ކަމަށާއި އެހެންކަމުން އިންޓަނެޓްގެ ދަައުރު މިކަމުގައި މުހިންމު ކަމަށް ވިދާޅުވި އެވެ. އަދި އިންޓަނެޓް އަގުހެޔޮ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފާހަގަ ކުރެވުނު އެންމެ ބޮޑު މައްސަލައަކަށް ވީ އިންޓަނެޓްގެ ސްޕީޑް ކަމަށާއި އަނެއް ބަޔަކަށް އެންމެ ބޮޑު މައްސަލައަކަށް ވީ އިންޓަނެޓްގެ އަގުތައް ކަމަށް ވިދާޅުވިއެވެ.
"އެއް އޮފީހުން ސޮއި ކޮށްގެން، އަނެއް އޮފީހުން އިނގިލީގެ ނިޝާން ޖަހައިގެން އަނެއް އޮފީހުން ތައްގަނޑު ޖަހައިގެން އެންމެ ފޯމެއް ލާން ރައްޔިތު މީހާ ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހޭ. މިކަހަލަ ދުވަސްވަރެއްގަ މީކީ ފަސޭހަ ކަމެއް ނޫން. އެހެންވީމަ ގޭގަ ތިބެގެން އޮންލައިންކޮށް މިފަދަ ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ކަންކަން ކުރުމުގެ ނިޒާމު ފަހިކޮށްދިނުމުގެ އަމާޒު އަޅުގަނޑުމެންވާނީ ހިފާފަ." އޭނާ ވިދާޅުވި އެވެ.
އިންޓަނެޓުގެ އަގަށާއި ސްޕީޑަށް ގެނައި ބަދަލާ އެކު އާދައިގެ މިންވަރަކަށް އިންޓަނެޓު ބޭނުން ކުރާ ފަރާތްތަކަށާއި ސްކޫލު ކުދިންގެ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން ބޭނުންތަކަށް، އަދި އައިސީޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް ފައިދާ ލިބޭނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.