ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ، ބަލީގައި މަރުވި މީހުންގެ ޖުމުލަ 146 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި 61 އަހަރުގެ ދިވެހި ފިރިހެނަކު، މިއަދު މެންދުރު ފަހު 2:35 ގައި މަރުވެފައިވާ ކަމަށެވެ. އެއާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 146 އަކަށް އަރައިފައެވެ.

ކޮވިޑް ޖެހިގެން މިއަދު ވަނީ އިތުރު މީހަކުވެސް މަރުވެފައެވެ. އެއީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި އުމުރުން 91 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ މިއަދު ހެނދުނު 10:20 ގައެވެ.

މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 146އަށް އަރާފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ 132 ދިވެހިންނާއި 14 ބިދޭސީންނެވެ. މި މަހުގެ މިހާތަނަށް 71 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.