ވަގުތު ހަމަވިއިރު ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އަތޮޅު ކައުންސިލަރުންގެ ތެރެއިން ކުރިމަތިލައްވާފައިވަނީ ކ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ނިމާލު އެކަނި ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާނު ކުރުމަށް އެކަމަށް ކުރިމަތިލައްވާފައިވާ ކަމަށް ބުނެ ނ. އަތޮޅުގެ ރައީސް މުހައްމަދު ބަޝީރު ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވެއްޖެ އެވެ.

އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް، ވިދާޅުވީ، ހޯމަ ދުވަހުގެ 2:00 ޖެހުމާ ހަމައަށް އެޕްލިކޭޝަން ފޮނުވުމަށް ހުޅުވާލާފައިވާނެ ކަމަށާއި އޭގެ ފަހުން ލިބުނު ފޯމްތައް ބަލައި ނުގަތުމަށް ނިންމާފައިވާ ކަމަށެވެ.

ޝަރީފް އާންމުކުރައްވާފައިވާ ލިސްޓުން ފެންނަ ގޮތުގައި ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ އަދި ރައީސް ޔަމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި ނިމާލްގެ ފޯމް ލިބިފައިވަނީ ހޯމަ ދުވަހުގެ 10:52 ގަ އެވެ. އަދި އެމްޑީޕީގެ ނޮމިނޭޓް ކޮށްފައިވާ ބަޝީރުގެ ފޯމް ލިބުނު ކަމަށް ބުނެފައިވަނީ، 2:02 ގަ އެވެ.

އެކަމާ ގުޅިގެން ބަޝީރު 'ވަން' އަށް ވިދާޅުވީ، ގަޑި ޖެހުމުގެ ކުރިން އޭނާގެ ފޯމު އިލެކްޝަނަށް އީމެއިލް އަށް ހުށަހަޅާފައިވާނެ ކަމަށާއި އެ މައްސަލަ މިއަދުގެ ވަގުތެއްގައި އިންތިހާބީ މައްސަލައެއްގެ ގޮތުގައި ހައި ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.