ރާއްޖެ އޮތީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ޗައިނާ-މޯލްޑިވްސް އިންވެސްޓްމެންޓް ކޯޕަރޭޝަން ފޯރަމް" ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖެ މިހާރު ތަޖުރިބާކުރަމުން އަންނަނީ، ގައުމީ ތަރައްގީގެ ގޮތުން މުހިންމު ދުވަސްވަރެއް ކަމަށެވެ. އަދި ރާއްޖޭގެ 'ވިޝަން 2040' އިން ކަނޑައަޅާފައިވަނީ ވަރަށް އުސް ލަނޑުދަނޑިއެއް ކަމަށާއި އެއީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށްވުން ކަމަށެވެ.

ރައީސް ވިދާޅުވީ އެކަން ހާސިލުކުރުމަށްޓަކައި އިގުތިސޯދު ސިންދަފާތުކޮށް، އީޖާދީ އުފެއްދުންތެރިކަން އަވަސްކޮށް އިތުބާރު އޮތް އިންވެސްޓަރުންނާ އެކު ގުޅުން ބަދަހި ކުރަންޖެހޭ ކަމަށެވެ

"އަޅުގަނޑުމެންގެ މެސެޖު ވަރަށް ސާފު. ރާއްޖެ މިއޮތީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔަން ތައްޔާރަށް. އަދި އެ އިންވެސްޓްމަންޓްތައް ކާމިޔާބުކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ ފުރިހަމައަށް ތައްޔާރުވެގެން،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން އާ ފޮރިން އިންވެސްޓެމެންޓް ގާނޫނެއް ތައާރަފުކޮށްފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެ ބަދަލުގެ ބޭނުމަކީ ދެފުށް ފެންނަ މިންވަރު އިތުރުކުރުމާއި ސިޔާސަތުތަކުގެ ޔަގީންކަން ދިނުމާއި އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުން ކަމަށެވެ. އަދި އިންވެސްޓެމެންޓް ބިނާވަނީ އިތުބާރާއި ދެމެހެއްޓެނިވި ހަރުދަނާ ސިޔާސަތުތަކެއްގެ މައްޗަށްކަން އެނގޭ ކަމަށާއި އެހެންވެ ރާއްޖޭން އޮތީ އެކަންކަން ވަރުގަދަކުރުމުގެ އަޒުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

28 އޮކްޓޫބަރު 2026، ޗައިނާ-މޯލްޑިވްސް އިންވެސްޓްމެންޓް ކޯޕަރޭޝަން ފޯރަމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ޗައިނާ-މޯލްޑިވްސް އިންވެސްޓްމެންޓް ކޯޕަރޭޝަން ފޯރަމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރާއްޖޭގެ ތަރައްގީގެ އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ އާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި ލޮޖިސްޓިކްސް އާއި މަސްވެރިކަމުގެ އުފެއްދުންތައް ޒަމާނީ ފެންވަރަށް ޕްރޮސެސްކުރުމާއި ޑިޖިޓަލް ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސާއި ސިއްހީ ދާއިރާ އާއި މާލީ ހިދުމަތްތަކާއި ސްމާޓް އިންފްރާސްޓްރަކްޗާ އާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ގެނައުން ހިމެނޭ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭން އިންވެސްޓްމެންޓްތައް ހޯދުމުގައި ބަލަނީ ހަމައެކަނި އޭގެއިން ފުރަތަމަ ލިބޭ ފައިސާއަށް ނޫން ކަމަށާއި އޭގެ ބަދަލުގައި، އެ އިންވެސްޓްމެންޓުން އުފެދޭ ސިނާއަތާއި ތަރައްގީ ކުރެވޭ ހުނަަރުތަކާއި ވަޒީފާތަކާއި ފުރުސަތުތަކަށް ވެސް ބަލާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗައިނާއިން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމެންޓުތަކުން ދިގުދެމިގެންދާ އިގުތިސޯދީ ފައިދާ އާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް އައިސްފައިވާ ކަމަށެވެ. އަދި ޗައިނާގެ އިންވެސްޓްމެންޓުތަކަކީ، ރާއްޖޭން އެހެން އިންވެސްޓްމެންޓުތައް ހޯދުމުގައި ބަލާނެ މިންގަނޑެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޖެނުއަރީ 1، 2025 ގައި އަމަލުކުރަން ފެށުމަކީ ދެ ގައުމުގެ އިގުތިސޯދީ ގުޅުމުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓާ ގުޅި، ވާދަކުރުމަށް ދިވެހި ވިޔަފާރިތަކަށް ލިބިގެންދިޔަ ވަރުގަދަ ބާރެއް ކަމަށް ވެސް ވިދާޅުވިއެވެ.

"މި އެއްބަސްވުމުގެ ކުރީކޮޅުގެ ނަތީޖާތަކަކީ ވަރަށް އުންމީދީ ނަތީޖާތަކެއް، 2025 ޖަނަވަރީ މަހުން ފެށިގެން 2026 އޯގަސްޓް މަހުގެ ނިޔަލަށް، ރާއްޖެއިން ވަނީ ޗައިނާއިން ގާތްގަނޑަކަށް 440 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެކޮށްފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމާޒަކީ ހަމައެކަނި ވިޔަފާރީގެ މިންވަރު އިތުރުކުރުން ނޫން ކަމަށާއި އެކަމަކު އަމާޒަކަށް ވާންވާނީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި އިގުތިސޯދީ އެއްބާރުލުމުގެ ފައިދާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް، އަލިޕޭ އަދި ވީޗެޓް ޕޭ މެދުވެރިކޮށް ރާއްޖޭގައި 73،000 އަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާ ކަމަށާއި އޭގެ ޖުމްލަ އަގު ގާތްގަނޑަކަށް 11 މިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށެވެ.