ޚަބަރު

ގާޒީ ކަރަންޓީނުގައި ހުރުމުން ނިހާންގެ މައްސަލަ މިއަދު ވެސް ކުރިއަކަށް ނުގެންދެވުނު

މުއާވިޔަތު އަންވަރު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ހަ ދައުވާގެ އަޑުއެހުން މިއަދު ތާވަލު ކުރި ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ ކަރަންޓީނުގައި ހުރުމުން އަޑުއެހުން ކެންސަލް ކޮށްފި އެވެ.

އެ މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އެވެ.

އެންމެ ފަހުން ބޭއްވި އެ މައްސަލައިގެ އަޑުއެހުން ވެސް ކުރިއަށް ނުގެންދެވި ޖެހުނީ ހުއްޓާލާށެވެ. އެއީ މި އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު މައްސަލަ ކުރިއަށް ނުގެންދެވުނީ، ކޯޓުން ލިބެން ޖެހޭ ލިޔުމެއް ލިބިފައި ނުވާތީ ނިހާންގެ ފަރާތުން އެކަން ޝަރީއަތުގެ ސަމާލު ކަމަށް ގެނައުމުންނެވެ.

މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވަނީ އެހެން ސެކްޝަނަކުންކަން ފާހަގަކޮށް އެކަން ހިނގައިދިޔަ ގޮތް ސާފު ކޮށްދިނުމަށް ނިހާނުގެ ފަރާތުން އޭނާގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު ޝާހު އެދިވަޑައިގަތުމުން އެއީ ދައުވާ ރައްދުވާ ފަރާތަށް އެނގެން ޖެހޭނެ މައުލޫމާތުތަކެއް ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވި އެވެ.

ނަމަވެސް އެ ލިޔުންތައް އެ ދުވަހު ދެއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ކޯޓުން ފުރިހަމަ ކުރަން ޖެހޭ ކަމެއް ފުރިހަމަ ނުކޮށް އޮތުމުން ގާޒީ ވަނީ މައްސަލަ އެދުވަހު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ދިފާއުން ދެކޭ ގޮތެއް އައްސަވައިފަ އެވެ. އަދި ނިހާނުގެ ފަރާތުން އެދިވަޑައިގަތީ މައްސަލައިގެ 'ސާފު ނުވާ' ބައެއް ލިޔެކިޔުންތައް ހުރުމުން އެކަން އިތުރަށް ސާފު ކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

ނިހާންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.