ފެން ބިލުންނާއި ކަރަންޓު ބިލުން ކުރިއަށް އޮތް މަހު ހާއްސަ ޑިސްކައުންޓްތަކެއް ދޭން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑާ ގުޅިގެން މާދަމާ އިން ފެށިގެން އަޅާ ފިޔަވަޅުތަކާއެކު ބައެއް ފަރާތްތަކަށް ބައެއް ދަތިތައް ކުރިމަތިވާނެ ކަމަށާއި ހާއްސަކޮށް ކުދި ވިޔަފާރި ހިންގާ ފަރާތްތަކަށް މީގެ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް ސަރުކާރުން ކޮށްދެވޭނެ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން ނިންމާފައިވާނެ ކުރިއަށްއޮތް މަސް ދުވަހުގެ ތެރޭގައި ފެން ބިލުން މުޅި ރާއްޖޭގެ ހުރިހާ ގެއަކަށް ވެސް 30 ޕަސަންޓުގެ ޑިސްކައުންޓެއް ދިނުމަށް. އަދި ވިޔަފާރިކުރާ ތަންތަނަށް ބިލުން 20 ޕަސަންޓުގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާނެ. ގޭބިސީތަކުގެ ކަރަންޓު ބިލުން 40 ޕަސަންޓުގެ ޑިސްކައުންޓެއް ދިނުމަށް މިވަނީ ކުރިއަށްއޮތް މަހަށް ނިންމާފައި. އަދި ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓު ބިލުން 20 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް މިވަނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ހުރިހާ ކަމެއް ކުރަމުން އަންނަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކަމަށާއި ސަރުކާރުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރުން އިތުރު އެހީތައް ދެމުންގެންދާނެ ކަމަށެވެ. އަދި ކުރީ އަހަރުތަކެކޭ އެއްގޮތަށް ލޯނުތައް ދިނުމަށް ނިންމާފައިވާ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ކޮވިޑުގެ ރިލީފް ލޯނުގެ ގޮތުގައި ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން، މިދިޔަ އަހަރެކޭ އެއްގޮތަށް ސޮފްޓް ލޯނުތަކެއް ދިނުމަށް ވަރަށް އަވަހަށް އަޅުގަނޑުމެން ފަށާނަން. އޭގެ ތެރޭގައި ކެފޭ، ރެސްޓޯރަންޓް، ޖިމްތައް، ސެލޫން ހިންގާ ފަރާތްތައް ހިމެނޭނެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް ސްޓިމިއުލަސް އިކޮނޮމިކް ލޯނުތަކެއް ދިނުމަށް މިވަނީ ނިންމާފައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ އެހީތައް އަންނަ މަހުގެ ތެރޭގައި ދޭން ފެށޭނެ ކަމަށާއި އެކަމަށް 375 މިލިއަން ރުފިޔާގެ ފެސިލިޓީއެއް ހަމަޖެހިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު