ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ޓީމުގެ އޮފިސަރުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ތަހުގީގު ޓީމުގެ އޮފިސަރުންތަކެއް ޕޮޒިޓިވްވެފައިވާ ކަން ފުލުހުންގެ އިދާރާއިން ރަސްމީކޮށް ބުނެފައި ނުވި ނަމަވެސް އެކަން ފުލުހުން ދޮގުކޮށްފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް އެއްވެސް ހުއްޓުމެއް ނާންނަ ކަމަށާއި ތަހުގީގު ކުރިއަށްދާ ކަމަށެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާ ތަހުގީގުކުރުމަށް 450 ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައެވެ. އެ ހަމަލާ ދީފައިވަނީ ކުރުނބާ މޯލްޑިވްސްގައި އޮތް އިވެންޓަކަށް ވަޑައިގަތުމަށް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ. ކެރެނީގެއިން ނުކުމެވަޑައިގެން ސެކިއުރިޓީންނާއެކު ނީލޯފަރު ހިނގުމުން ހިންގަވާފައި މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލައިގެންނެވެ.

އެ ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ އިރު، ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެއަށް ފަހު އެމަނިކުފާނު މިހާރު ފަރުވާ ހޯއްދަވަމުން އަންނަނީ ޖަރުމަނުވިލާތުގައެވެ.