ސ. ހިތަދޫ އާއި ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް އަންހެން ދެ މެޖިސްޓްރޭޓުން އައްޔަނު ކޮށްފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ޒިޔާދާ ތާހިރު އާއި މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް އާއިޝަތު ސުމައިނާ އައްޔަނު ކުރުމަށް ފެންނަ ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެ ދެ މެޖިސްޓްރޭޓުން އިއްޔެ ހުވާ ކޮށްފައިވަނީ އޮންލައިންކޮށް ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
އެގޮތުން، ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އައްޔަނުކުރި ޒިޔާދާ ވަނީ، ޔުނިވަސިޓީ އޮފް ލަންޑަން އިން ބެޗްލާރ އޮފް ލޯސް ހާސިލުކޮށްފަ އެވެ. އަދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި އަށް އަހަރު، ޕްރޮސިކިއުޓަރެއްގެ މަގާމު އަދާކޮށްފައި ވެއެވެ.
މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓަކަށް އައްޔަނުކުރި ސުމައިނާ، ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައިވާއިރު އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓް ލީގަލް އޮފިސަރެއްގެ މަގާމުގައި އެއް އަހަރާއި 10 މަސް ދުވަހު ވަނީ މަސައްކަތް ކުރައްވާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު