ސްޕެއިން ގައުމީ ޓީމަށް އެންމެ ބޮޑު ނުފޫޒެއް އަބަދުވެސް އޮންނަ ކްލަބުތަކަކީ ސްޕެއިންގެ އެންމެ ވަރުގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑެވެ. ހާއްސަކޮށް 2007 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް ސްޕެއިން ގައުމީ ޓީމުން ހޯދި އެންމެ ބޮޑެތި ކާމިޔާބީތަކުގައި ބާސާއާއި ރެެއާލްގެ ކުޅުންތެރިންގެ ހިއްސާ ބޮޑެވެ. ފަހުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ގައުމީ ޓީމު، ސްޕެއިންގައި ފައްކާވެގެން ދިޔައީ އެ ކްލަބުތަކުގެ ފުޓުބޯޅައަށް އައި އިންގިލާބީ ބަދަލާ އެކުގައެވެ.
އޭގެ ފަހުން ސްޕެއިންއަށް އެންމެ އެކަށީގެންވާ ކާމިޔާބީއެއް ބޮޑެތި މުބާރާތްތަކުގައި އަދި ހޯދިފައިނުވާ އިރު، މިއަހަރުގެ ޔޫރޯއަށް ނުކުންނާނީ ޒުވާން ސްކޮޑަކާއެކުގައެވެ. އެ ސްކޮޑު އިއްޔެ އިއުލާން ކޮށްފައިވާ އިރު، އެތައް ބައެއްގެ ލޯތައް އަމާޒުވީ ސްޕެއިންގެ އެންމެ ވަރުގަދަ ކްލަބު ރެއާލް މެޑްރިޑްގެ ކުޅުންތެރިޔަކު ސްކޮޑުގައި ހިމެނިފައި ނެތުމުންނެވެ. އެއީ ތާރީހުގައިވެސް ބޮޑު މުބާރާތަކަށް ސްޕެއިންއިން އިއުލާން ކުރި ސްކޮޑެއްގައި ރެއާލްގެ ކުޅުންތެރިޔަކު ނުހިމެނުނު ފުރަތަމަ ފަހަރެވެ.
ކުރިން ރެއާލްގެ ވާދަވެރި ބާސާއަށް ކޯޗުކަން ކޮށްދިން ލުއިސް އެންރީކޭ އިއުލާން ކުރި 24 ކުޅުންތެރިންގެ ސްކޮޑުގައި މިހާތަނަށް ސްޕެއިންއަށް އެންމެ ގިނަ މެޗުތައް ކުޅެދީފައިވާ ރެއާލް އަދި ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް ހިމަނާފައި ނުވާ އިރު، ރެއާލްއަށް މި ސީޒަންގައި ރަނގަޅަށް ކުޅުނު ބައެއް ކުޅުންތެރިންނަށް ފުރުސަތު ނުދޭތީ އެކަމަށް ވަނީ ފާޑުކިޔުންވެސް އަމާޒު ވެފައެވެ.
ރާމޯސްއަށް ސީޒަންގެ ފަހުބައި ގޯހުން ގޯހަށް ދިޔަ އިރު، އޭނާ ސްކޮޑުގައި ނުހިމަނަން ނިންމީ މަޝްވަރާއަށް ފަހުގައި ކަމަށް އެންރީކޭ ވަނީ ބުނެފައެވެ. ހާއްސަކޮށް އެ ނިންމުމަކީ ރާމޯސްގެ ފިޓްނަސް ރަނގަޅު ކުރުމަށް ދެފަރާތުން އެއްބަސްވެ ނިންމި ނިންމުމެއް ކަމަށް ރާމޯސްވެސް ވަނީ ބުނެފައެވެ.
ރާމޯސް ނުނެގުން އެއީ އެންރީކޭގެ މައްސަލަ ކަމަކަށް ސަޕޯޓަރުންވެސް ގަބޫލެއް ނުކުރެއެވެ. ސުވާލު އުފައްދާފައި ވަނީ ރެއާލްގައި ދެން ތިބި ސްޕެއިންގެ ހަތް ކުޅުންތެރިންގެ ގައިގައިވެސް ގައުމީ ޓީމަށް އެރެވޭނެ ހުނަރު ނެތީތޯ ކުރެވޭ ސުވާލެވެ. ފަހަތަށް ކުޅެމުން އަންނަ ޑެނީ ކަވަހާލްއާއި، ނަޗޯ ފެނާންޑޭޒްގެ އިތުރުން ފޯވަޑް މާކޯ އަސެންސިއޯ އަދި ލޫކަސް ވަޒްކުއޭޒްވެސް ސްކޮޑުގައި ހިމެނިފައިނުވާ އިރު، އަލްވާރޯ އޮޑްރިއޮޒޯލާއާއި އިސްކޯއަށްވެސް އެންރީކޭ ޖާގަ ދީފައެއް ނުވެއެވެ.
އެންރީކޭގެ ސްކޮޑުގައި މެންޗެސްޓާ ސިޓީގެ ހަތަރު ކުޅުންތެރިންނާއި، ކުރީ ކްލަބު ބާސެލޯނާގެ ތިން ކުޅުންތެރިޔަކު އަދި ވިލަރެއާލްއާއި އެތުލެޓިކޯ މެޑްރިޑުން ކޮންމެ ކްލަބަކުން ވަނީ ދެ ކުޅުންތެރިން ހިމަނައިފައެވެ. ކްލަބު ފުޓުބޯޅަ މި ސީޒަންގައި ނުކުޅެ ތިބި ދެ ކުޅުންތެރިޔަކު ނަގާފައިވާ އިރު، ބްރައިޓަން، ޗެލްސީ، ލީޑްސް، ލިވަޕޫލް، މެންޗެސްޓާ ޔުނައިޓެޑް، ވުލްވްސް، ޕީއެސްޖީ، އާރްބީ ލެއިޕްޒިގް، ޔުވެންޓަސްގެ އިތުރުން ނަޕޯލީއާއި، ބިލްބާއޯގެ އިތުރުން ރެއާލް ސޮސިއެދާދާއި ވެލެންސިއާގެ ކުޅުންތެރިން ސްކޮޑުގައި ހިމަނާފައިވެއެވެ.
ގިނަ ސަޕޯޓަރުން އެންރީކޭއަށް ފާޑު ކިޔާފައި ވަނީ ބާސާގައި ހޭދަކުރި ދުވަސްތަކުގައި ރެއާލްއާ އޭނާ ޒާތިވި ކަމަށް ބުނެއެވެ. ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި އެފަދަ ގޮތަކަށް ތަފާތު ކުރާތަން ފެންނަ ކަމަށް ބައެއް ނޫސްވެރިންވެސް ވަނީ ބުނެފައެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020