ޚަބަރު

މާރުކޭޓަށް ބޮޑެތި ބަދަލުތަކެއް، ގޮޅިތަކުގެ ކުލި ކުޑަކޮށް ބިދޭސީ ސޭޓުން ތިބޭ ގޮޅިތައް އަތުލަނީ

މުއާވިޔަތު އަންވަރު

މާރުކޭޓް ގޮޅިތަކުން ނަގާ ކުލި ކުޑަކޮށް އެތަންތަނުގައި ސޭޓުންގެ ގޮތުގައި ބިދޭސިން ތިބޭ ނަމަ ގޮޅި އަތުލުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކޮވިޑްގެ ހާލަތުން މާލޭ ސިޓީގެ ރައްޔިތުންނަށް ލުޔެއް ލިބި އާދައިގެ ހާލަތަކަށް އާދެވެންދެން ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދީފައި ހުރި ބިންތަކާއި ފައްތިޔާ ތަކާއި މާރުކޭޓު ގޮޅިތަކުން ނަގާ ކުލިން 30 އިންސައްތަ ކުލި ކުޑަކުރުމަށް ވަނީ ނިންމާފަ އެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިއެއްގެ ކުލި، އަކަ ފޫޓަކަށް ޖެހޭވަރަށް ދަތުރުވެރިންގެ މާރުކޭޓުގައި ވެސް އެ ރޭޓަށް ގޮޅީގެ ކުލި ކުޑަކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

ކުލި ކުޑަކުރުމުގެ އިތުރުން ސިޓީ ކައުންސިލުން ބުނެފައިވަނީ، ދެ މަސް ދުވަހުގެ މުހުލަތެއް ދިނުމަށްފަހު، އިސްލާހު ނުކޮށްފި ނަމަ ބިދޭސީ ސޭޓުން ތިބޭ ގޮޅިތަކުގެ އެގްރީމެންޓް ބާތިލު ކުރާނެ ކަމަށެވެ.

ލޯކަލް މާރުކޭޓުގައި ގޮޅި ކުއްޔަށް ނެގި ފަރާތުން އެހެން ފަރާތަކަށް ކުއްޔަށްދީފައި ހުންނަ ގޮޅިތައް ފާހަގަކޮށް، ދެ މަސް ދުވަހުގެ މުހުލަތެއް ދީ، އެގްރީމެންޓާއި ހިލާފުވެފައިވާ ފަރާތްތަކުގެ އެގްރީމެންޓް ބާތިލުކޮށް އެ ގޮޅިތަކަށް ކުރިމަތިލުމަށް އަލުން އިއުލާނު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ލޯކަލް މާރުކޭޓަށް ވަދެ ނިކުމެ އުޅޭ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން، މާރުކޭޓުގެ މެދުން ދެކުނުން އުތުރަށް ޕާތުވޭ އެއް ހެދުމަށް ވެސް ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. އަދި އެ ގޮޅިތަކުގައި ފްރިޖު ބެހެއްޓުމުގެ ހުއްދަ ދީ އެފްރިޖްގައި ވިއްކޭނެ ތަކެތި ގަވާއިދުގައި ބަޔާންކޮށް ކަރަންޓް ބިލް އެ ފަރާތްތަކުން ދައްކާ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ދެ ފާހަނާ ހެދުމަށް ނިންމާފައިވާއިރު ލޯކަލް މާރުކޭޓުގެ ހުޅަނގު ފަރާތުން ވާރޭ ވިއްސާ މައްސަލަ ހައްލު ކޮށްދޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ލޯކަލް މާރުކޭޓުގެ އިތުރުން މަސް މާރުކޭޓަށް ވެސް ބައެއް އިސްލާހީ ބަދަލުތައް ގެނައުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

އެގޮތުން، މަސް މާރުކޭޓުގައި ހަދާފައިވާ އަށިތައް މަތީގައި އައިސް އަޅައިގެން އެ އައިސްމަތީގައި މަސްވެރިންނަށާއި މަސް ގަނެ ވިއްކާ ފަރާތްތަކަށް ފުރުސަތު ލިބޭ ގޮތަށް ގުރުއަތުލައިގެން މަސް ވިއްކޭނެ ނިޒާމެއް ގާއިމް ކުރާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފެ އެވެ. އެއާ އެކު މަސް މާރުކޭޓުގައި ފޮށި ބަހައްޓައިގެން މަސް ވިއްކުން ނިމުމަކަށް އަންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ކުދި މުށި މަސް، ރިންމަސް ވިއްކަން ހާއްސަކޮށްފައިވާ ގޮޅިތަކުގައި ހުކުރު ދުވަހު މަސް ނުވިއްކޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް ހުކުރު ދުވަހު މަސް ވިއްކޭ ގޮތަށް ބަދަލު ކުރުމަށް ވެސް ވަނީ ސިޓީ ކައުންސިލުން ނިންމާފަ އެވެ.

މަސް މާރުކޭޓް ސަރަހައްދުން އައިސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މަސްވެރިންގެ ވަރަށް ބޮޑު އެދުމެކެވެ. އެކަން ކޮށްދިނުމަށް ވެސް ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.