ޚަބަރު

އިންޓަނެޓްގެ ހެޔޮ އަގުތައް އިއުލާނު ކުރުން ބުރާސްފަތި ދުވަހަށް ފަސްކޮށްފި

މުއާވިޔަތު އަންވަރު

އިންޓަނެޓްގެ ހެޔޮ އަގުތައް މިއަދު އިއުލާނު ކުރުމަށް ނިންމާފައި އޮތް ނަމަވެސް އެކަން އަންނަ ބުރާސްފަތި ދުވަހަށް ފަސްކޮށްފި އެވެ.

އިންޓަނެޓުގެ އަގަށް ގެންނަ ހެޔޮ ބަދަލުތައް މިއަދު އިއުލާނު ކުރަން ނިންމާފައިވާ ކަން ސަރުކާރުގެ ވަރަށް އިސް އޮފިޝަލަކު ވަނީ އިއްޔެ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ނަމަވެސް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތު ކެންސަލްކޮށްފައިވާއިރު ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އިންޓަނެޓްގެ ހިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތު އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރު އިއުލާނު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިންޓަނެޓުގެ އަގުހެޔޮ ކުރުމަކީ، މި ސަރުކާރު ވެރިކަމަށް އައުމުގެ އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ. އަދި އެކަން ކުރުމާމެދު ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ގެންދާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އޭރު ސަރުކާރުން ބުނީ ވަރަށް އަވަހަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށް ބަދަލު ގެންނަން އެއްބަސްވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، މިހާރު ތިބި އޮޕަރޭޓަރުންގެ އިތުރުން އެހެން އޮޕަރޭޓަރުންނަށް ފުރުސަތު ނުދޭ ގޮތަށެވެ. އަދި މި މުއްދަތަށް ފަހު އަލުން އަގުތައް މުރާޖައާ ކުރުމަށް ސަރުކާރާއި އޮޕަރޭޓަރުންގެ މެދުގައި އެއްބަސްވުމަކަށް އައިސްފައިވާ ކަމަށްވެއެވެ.

ނަމަވެސް އިންޓަނެޓުގެ ހެޔޮ އަގުތަކާ ގުޅޭ މައުލޫމާތު ރަސްމީ އެއްވެސް އިދާރާއަކުން އަދި ކުންފުންޏަކުންވެސް އަދި ހާމައެއް ނުކުރެއެވެ.

ސަރުކާރުގެ އާ ކޮމިއުނިކޭޝަން މިނިސްޓަރު އާމިނަތު ޝައުނާ ވެސް ވިދާޅުވެފައިވާ ގޮތުން، ރައްޔިތުން އިހުސާސްތަކަށް ރިއާޔަތް ކޮށް، އިންޓަނެޓް ހިދުމަތުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެގޮތުން ރާއްޖޭ އާއި ބޭރު ދުނިޔެއާ ގުޅުވައިލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ކުރިމަގުގައި ގާއިމުކުރުމަކީވެސް މުވާސަލާތީ ހިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ހެޔޮބަދަލުތައް ގެނައުމަށްޓަކައި ސަރަކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި އެ ބަދަލުތަކުގެ ހެޔޮ އަސަރު ދިވެހި އިގުތިސޯދަށް ލިބި، ދިވެހިން އެދޭ ތަރައްގީ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.