ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ކޮޓަރިކޮޅާއި މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުންތައް އަޑުއެހުމަށް މަޖިލީހުގެ އިދާރާގެ ބައެއް ތަންތަނުގައި ބަގްކުރާ ސާމާނު ހަރުކުރަން ފުލުހުންގެ ބަޔަކު މަސައްކަތްކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދެވޭނެ ގޮތެއްނެތި ހުއްޓިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރުމަށް ކުރިއަށްގެންދިޔަ ވަގުތުގައި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މަޖިލީހުގެ އިދާރާ ބަގްކުރަން އުޅުނު މައްސަލަ ތަހުގީގުކުރަން ފުލުހުން މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް އިތުރަށް ކުރިއަށްދާނެ މާބޮޑު މަގުތަކެއް ނުފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލަ މިހާރު ގޮސްފައިވާ ހިސާބެއް ބެއްލެވުމަށްފަހު، އެކަމާ ބެހޭ މައުލޫމާތު ދެއްވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ރައީސް ނަޝީދާއި އީވާގެ ކޮޓަރިކޮޅާއި މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުންތައް އަޑުއެހުމަށް މަޖިލީހުގެ އިދާރާގެ ބައެއް ތަންތަނުގައި ބަގްކުރާ ސާމާނު ހަރުކުރަން އުޅުނު މައްސަލައެއް ފެންމަތިވީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ސެކިއުރިޓީ ކުއްޖަކާ ގުޅިގެން އެކަން ކުރަން މަސައްކަތް ކުރީ ފުލުހެއް ކަމަށެވެ.