މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، ކޮވިޑް-19އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޖަލްސާތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ވެރި ރަށް މާލޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ މީގެ ހަފުތާއެއް ކުރިން ވަނީ ސަރުކާރު އޮފީސްތަކާއި ސުކޫލްތައް ބަންދުކޮށް އިތުރު އެހެން ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައިވަނީ ތަޅުމުގަ އެވެ. އަދި ސަރުކާރުގެ އެހެން އިދާރާތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ވެސް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް މިއަދު ވެސް މަޖިލީހުގެ އިދާރާއަށް ނޫސްވެރިން ގެންގޮސްގެން ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ.

މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލިސް ވަނީ އޮންލައިންކޮށް ކުރިއަށް ގެންގޮސްފަ އެވެ. އަދި ފަހުން ތަޅުމަށް މެންބަރުން ހާޒިރު ވެގެން ޖަލްސާތައް ކުރިއަށް ގެންދިއުމަށް ނިންމި އެވެ. އޭގެ ފަހުން ކޮވިޑްގެ ހާލަތު އެންމެ ގޯސްވެގެން ދިޔައިރު ވެސް މަޖިލީހުގެ ޖަލްސާތައް މެދުކަނޑައި ނުލައި މެންބަރުން ތަޅުމަށް ހާޒިރުވެގެން ޖަލްސާތައް ކުރިއަށް ގެންދިއުމުން ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.