ރާއްޖޭގެ އިންޓެލިޖެންސް ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދަށް ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު މީޑިއާއަށް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ، އެ ކޮމެޓީން ފަށާފައިވާ އިންކުއަރީން ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަގަކުރާނެ ކަމަށެވެ. އަދި އެ ހަމަލާ ދެވުނީ ބައެއްގެ ފެއިލިވުމަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ބޮޑަށް ބެލެވޭ ރާއްޖޭގެ އިންޓެލިޖެންސް އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތަށް ހަމަ ޔަގީނުންވެސް މިހާރު ބަދަލުތަކެއް ގެންނަން ޖެހޭ،" އަސްލަމް ވިދާޅުވި އެވެ.
ކޮމެޓީން ކުރިއަށް ގެންދާ އިންކުއަރީ އަކީ ހަމަލާ ތަހުގީގު ކުރުން ނޫން ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، އެކަންތައް ތަހުގީގު ކުރާނީ ފުލުހުން ކަމަށެވެ.
"އަޅުގަނޑުމެން މި ހިންގަނީ މި ހަމަލާ މެދުވެރިވާން ދިމާވި ސަބަބުތައް ދެނެގަތުމުގެ އިންކުއަރީއެއް. އަދި މި އިންކުއަރީއަށް ރާއްޖެއިން ބޭރުގެ އެކްސްޕާޓުންގެ އެހީތެރިކަން ހޯދުމުގެ މަސައްކަތްވެސް އެބަދޭ ކުރިއަށް،"
އޭގެ ތެރޭގައި ރައީސް ނަޝީދަށް ދިން ހަމަލާގެ އެއްވެސް މައުލޫމާތެއް ދިފާއި ބާރުތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ކުރިން ލިބިފައިވޭ ތޯ ދެނެގަންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ރައީސް ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީފައިވާ ގޮތް ވެސް ބަލާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ވާނީ މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޓައިމްލައިނެއްވެސް ކަނޑައަޅާފައި،"
ކޮމެޓީގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، މިހާރު ވެސް ވާނީ ވަރަށް ގިނަ މައުލޫމާތުތަކެއް އެއްކުރައްވާފައި ކަމަށާއި އަދިވެސް އިތުރު މައުލޫމާތު ބޭނުންވާ ކަމަށެވެ. އަދި އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.
ކޮމެޓީއަށް އެއްކުރަން ޖެހޭ ހުރިހާ ލިޔެކިޔުންތަކާއި މައުލޫމާތުތަކެއް އެއްކޮށް ދިރާސާކޮށް ނިމުމަށްފަހު ހާޒިރު ކުރަން ޖެހޭ މީހުން އެ ކޮމެޓީއަށް ހާޒިރު ކުރާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
"ކޮމެޓީން މި އިންކުއެރީގެ މަސައްކަތް ކުރިއަށް ގެންގޮސް އިރާދަކުރެއްވިއްޔާ ޖޫންމަހުގެ ނިޔަލަށް ކޮމެޓީން މި ބަލަނީ އިންކުއަރީގެ މަސައްކަތް ކޮށް ނިންމާލުމަށް،" އަސްލަމް ވިދާޅުވި އެވެ.
"މީގައި އިސްލާހު ކުރަން ޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށް އަޅުގަނޑުމެނަށް ގަބޫލުކުރެވޭ. ދެން އަޅުގަނޑުމެންގެ ދިރާސާއަށް ފަހު ރިޕޯޓް ނިމިގެންދާއިރު އެކަމަށް އިޝާރާތް ކުރާނެ ކަމަށް މި ބަލަނީ،" އަސްލަމް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު