ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި އެމްއެމްޕީއާރްސީ ހިޔާނާތުގެ ދައުވާތައް ބޭރުކޮށްލި ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު، މަގާމުން ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ އެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅިގެން ދައުލަތުން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް، ބާތިލުކުރަން ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމެވީ ޖުލައި 14، 2020 ގައެވެ.
އެ ނިންމެވުމާ ގުޅިގެން ޕްރޮސިކިއުޓަރު ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވިއެވެ. އޭގެ އިތުރުން އެ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ފަހުން އެ މައްސަލަތައް ކުރިމިނަލް ކޯޓުން ބެލީ، ދައުލަތުން ހުށަހެޅި އިސްތިއުނާފު މައްސަލައިގައި، އެ މައްސަލަތައް ބެލުމަށް ހައިކޯޓުން ކުރިމިނަލް ކޯޓަށް އެންގުމުންނެވެ.
އަދީބުގެ މައްޗަށް ހުށަހެޅި ދައުވާތަކުގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.
އެ ދައުވާތައް ބޭރުކޮށްލުމާ ގުޅިގެން ޖޭއެސްސީން ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ބެލުމަށްފަހު އޭނާ މަގާމުން ވަކިކުރަން ވަނީ ނިންމައިފައެވެ. އެއީ އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބޭރުކޮށްލަން ކުރި ހުކުމަކީ، އެ ދައުވާ އުފުލުމުގެ ކުރިން ލިޔެފައި އޮތް ހުކުމެއް ކަމަށް އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވުމުންނެވެ.
އެ މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލައިގެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވެވުމުން، ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް ވަނީ އެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
ގާޒީ އިސްމާއިލް ރަޝީދު މަގާމުން ވަކިކުރަން މަޖިލީހުން ނިންމާނީ، އޭނާ ވަކި ކުރުމުގެ ޕްރޮސީޖާ ޖޭއެސްސީން ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށްތޯ ޖުޑީޝަރީ ކޮމިޓީން ބެލުމަށްފަހު، އޭނާ މަގާމުން ވަކިކުރަން އެ ކޮމިޓީން ފާސްކޮށް އެކަމާބެހޭ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން