ޚަބަރު

ކޮވިޑުގެ ބަލި މީހުންނަށް އެހީތެރިވެވަޑައިގަތުމަށް މެޑަމް ފަޒްނާ ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ނުކުންނަވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ފަސްޓް ލެޑީ ފަޒުނާ އަހުމަދު ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދެމުން އަންނަ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހިދުމަތް ކުރައްވަން ފައްޓަވައިފިއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވި ނަމަވެސް އެ ހިދުމަތަށް ނުކުންނެވީ ކޮންއިރަކު ކަމެއް އަދި އެކަމުގެ ތަފުސީލެއް ނުދެއްވައެވެ. އެނގިފައިވާ ގޮތުގައި އެކަމަނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ޖެންޑާ މިނިސްޓްރީއާއެކުއެވެ.

ޗީފް ގައިޑް އަދި މެޑަމް ފަޒްނާއަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުވައި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ވޮލަންޓިއަރެއްގެ ގޮތުގައި މެޑަމް ފަޒްނާ ހުޅުމާލެ ފެސިލިޓީގައި މަސައްކަތް ކުރެއްވުމަކީ ލިބިގެންދާ ހިތްވަރެއް ކަމަށެވެ. އަދި ގައިޑް ހަރަކާތުގެ އަންހެން ކުދީންނާއި އަންހެނުންނަށް އެކަމަނާ އެ ދައްކަވަނީ މިސާލެއް ކަމަށް ބުންޏެވެ.

ގާލް ގައިޑްސް އެސޯސިއޭޝަނުން ކުރި ޕޯސްޓުގައި ޕީޕީއީއާ އެކު މެޑަމް ފަޒްނާ ހުންނެވި ފޮޓޯއެއްވެސް ވަނީ ހިއްސާކޮށްފައެވެ.

މެޑަމް ފަޒްނާ މީގެ ކުރިން ވަނީ، އިންސާނީ ވަސީލަތްތައް މަދު ވެ، ކޮވިޑަށް ފަރުވާ ދިނުމަށް ވޮލަންޓިއަރުން ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކުރުމާއެކު، އެކަމަށް ޝަގުވެރިކަން ފާޅުކުރައްވައި، ފުރުސަތު ލިބިވަޑައިގެންފި ނަމަ ވޮލަންޓިއަރުކަމުގެ މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.