ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި އެމްއެމްޕީއާރްސީ ހިޔާނާތުގެ ދައުވާތައް ބޭރުކޮށްލި ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު، އެ ހުކުމް ދައުވާ އުފުލުމުގެ ކުރިން ލިޔެފައި އޮތް ކަމަށާއި އެހެން ކަމުން އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދައުވާ އުފުލުމަށް ފޮނުވި ހަތް ގަޒިއްޔާ، ކްރިމިނަލް ކޯޓުން ބާތިލު ކުރަން ކުރި ހުކުމް އޮތީ އެ މައްސަލާގައި ދައުވާ ކުރަން ފޮނުވުމުގެ ކުރިން ލިޔެފައި ކަމަށެވެ.
އެގޮތުން ޖޭއެސްސީގެ ތަހުގީގަށް ލިބިފައިވާ ޕެންޑްރައިވެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ 22، ގެ ތާރީހުގައި ތައްޔާރުކޮށްފައި އޮތް "އިޖުރާއީ ގޮތުން ނިންމާ ނިންމުން" ކަމަށް ބުނާ ފައިލެއް ފެނުނު ކަމަށާއި އަދި އެ ލިޔުން ސޭވްކޮށްފައިވަނީ "trip finale v2" ގެ ނަމުގައި ކަމަށެވެ.
ޖޭއެސްސީން ބުނީި އެ ނަމުގައި ފައިލް ސޭވް ކޮށްފައި އޮތުމަކީ އާންމު ގޮތެއްގައި އެ ބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވް ކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެ ނަމަކީ އެ ގަޒިއްޔާއާ ގުޅުމެއް ނެތް އާދަޔާ ހިލާފު ނަމެއްކަން ފާހަގަ ކުރެވުނު ކަމަށެވެ.
ޖޭއެސްސީން ބުނީ ގާޒީ އިސްމާއިލް ރަޝީދު، ހުކުމް ކުރެއްވީ އެ ލިޔުމުގައި އޮތް ގޮތަށް ކަމަށެވެ.
ގާޒީ އިސްމާއިލް ރަޝީދު ބޭނުންކުރުމަށް އެ ކޯޓުގައި ކޮމްޕިއުޓަރު ސިސްޓަމެއް ހުންނައިރު، ކޯޓުގައި ހިންގާ ގަޒިއްޔާތަކެއްގެ ލިޔެކިޔުންތައް ޕެންޑްރައިވެއްގައި ގެންގުޅުމާއި، ވަކި ގަޒިއްޔާއެއްގެ ލިޔެކިޔުންތައް އެކަނި އެ ޕެންޑްރައިވްގައި ހުރުމާއި، ގަޒިއްޔާއެއްގެ ދައުވާ ހުށަހެޅުމާ ހަމައަށް ނުދަނީސް އެ ގަޒިއްޔާ ނިންމާނެ ގޮތުގެ ފައިލް އެ ޕެންޑްރައިވްގައި އޮތުމަކީ އަދީބުގެ މައްސަލައިގެ އެ ހަތް ގަޒިއްޔާގައި ގާޒީ ހުކުމްކޮށްފައިވަނީ އެއްވެސް ފަރާތެއްގެ ނުފޫޒު ނެތި މުސްތަގިއްލުކަމާއެކު ކަމަށް ނޫން ކަމަށް ފާހަގަވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ގާޒީ އިސްމާއިލް ރަޝީދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް މިއަދު ބޭއްވި މި އަހަރުގެ 41 ވަނަ ޖަލްސާގައި މި ކޮމިޝަނުން ނިންމާފައިވެ އެވެ،" ރޭ ޖޭއެސްސީން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ މައްސަލައިގައި ގާޒީ އިސްމާއިލް ރަޝީދު ވަނީ މީގެ ކުރިން ސަސްޕެންޑް ވެސް ކޮށްފަ އެވެ. އަދި ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ގާޒީ އިސްމާއިލް ވަނީ އަލުން މަސައްކަތަށް ނުކުންނަވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު