ގައުމީ ޓީމުގެ ފީލްޑް ފަރިތަކުރުންތައް ކުރިއަށްގެންދާނެ ހުއްދައެއް ނުލިބި އޮތުމާއެކު ޓީމު ޑުބާއީގައި ކޭމްޕް ކޮށް، ފުރަތަމަ ފަހަރަށް ދަނޑު މަތީގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފިއެވެ.

ހޮޓެލް ޖެންގައި އަށް ދުވަސް ވަންދެން ކޭމްޕް ކޮށްގެން ތިބުމަށްފަހު ޓީމު ޑުބާއީއަށް ދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ގައުމީ ޓީމުން މާލޭގެ އެއްވެސް ދަނޑަކަށް ގޮސް ފަރިތަކުރުންތައް ކުރިއަށްގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުއްދަ ދީފައި ނުވުމާއެކު މާލޭގައި ތިބިއިރު ފަރިތަކުރުންތަކަށް ބޭނުންކުރީ ހޮޓެލް ޖެންގެ ބޯލްރޫމެވެ.

ޑުބާއީއަށް ދިޔުމުގެ ކުރިން ކޯޗު މާޓިން ކޫޕްމަން ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައި ވަނީ އުނދަގޫ ހާލަތެއްގައި ޓީމު އޮތުމަށްފަހު އަލުން ދަނޑު މައްޗަށް ނުކުމެވުމަކީ ހިތްހަމަ ޖެހުމެއް ކަމަށާއި، ޓާގެޓަށް ވާސިލުވުމަށް ފޯކަސް ގެއްލުވާ ނުލައި މަސައްކަތް ކުރާނެ ކަމަށެވެ.

"އަށް ދުވަސް ވަންދެން ރީތި ހޮޓަލެއްގެ ތެރޭގައި ކޭމްޕް ކޮށްގެން ބަބުލްއެއްގެ ތެރޭގައި ތިބުމަށްފަހު މިހާރު ވަނީ ދަނޑު މަތީގެ ފަރިތަކުރުންތަކަށް ތައްޔާރުވެފައި. ޓީމްގެ ރޫހު ވަރަށް ވަރުގަދަ، ބުރަކޮށް މަސައްކަތް ކޮށް، ޓާގެޓަށް ފޯކަސް ކުރަން ތައްޔާރު،" ކޫޕްމަން ބުނެފައިވެއެވެ.

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މި މަހު 30 އިން އަންނަ މަހުގެ 15 ދުވަހާ ހަމައަށް ކުޅޭ މެޗުތަކަށް ތައްޔާރުވުމަށް ކޮންމެހެންވެސް ދަނޑެއްގައި ތައްޔާރުވާން ބޭނުންވާ ކަމަށްވެސް ކޯޗު ކޫޕްމަން ވަނީ ބުނެފައެވެ.

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާއެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެ ވަނައިގައި އޮތް އިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.