ކޮވިޑް-19 ގައި ރާއްޖެއިން އިތުރު ތިން މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އެ ތިން މީހުންނަށްވެސް ފަރުވާ ދެމުން ދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކަމަށެވެ.

އެ ތިން މީހުންގެ ތެރެއިން ފުރަތަމަ މީހާ މަރުވީ މިއަދު ހަވީރު 6:40 ގައެވެ. އެއީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ. ދެވަނަ މީހާއަކީ 68 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވީ 7:53 ގައެވެ. އަދި ތިން ވަނަ މީހާ މަރުވީ މިރޭ 8:12 ގައެވެ. އެއީ 78 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ތިން މަރާއެކު ކޮވިޑުގައި މިއަދު މަރުވި އަދަދު ވަނީ ހަ އަކަށް އަރައިފައެވެ. އަދި ރާއްޖޭގެ ޖުމުލަ އަދަދު ވަނީ 129 އަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 126 މީހުންގެ ތެރޭގައި ހިމެނެނީ 116 ދިވެހިންނާއި 13 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.