ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓައި ގދ. ގައްދޫ ކައުންސިލުގެ ރައީސަކަށް އިންތިހާބުވި ގައްދޫ، ވިންސެންޓް/ މުހައްމަދު އަހުމަދު (އެމްޑީ) ޖަލުން ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓަރު ޖެނަރަލްގެ (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާ ދޫކޮށްލަން ކުރި އަމުރު ބާތިލުކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ، އެމްޑީ ދޫކޮށްލުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން މި މަހުގެ ތިން ވަނަ ދުވަހު ކުރި އަމުރު ބާތިލް ކުރުމަށް ހައިކޯޓުން މިއަދު ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މީގެ ކުރިން ދަށު ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އަލުން އަނބުރާ ބަންދަށް ގެންދެވޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ނިމިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކޮށް، ގައްދޫ ކައުންސިލުގެ ރައީސް ކަމަށް އެމްޑީ އިންތިހާބު ކުރީ އޭނާ ކ. މާފުށީ ޖަލު ބަންދުގައި ހުއްޓައެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާ އިރު، އޭގެ ތެރެއިން ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށުގެ ދައުވާ، ގައްދޫ މެޖިސްޓްރޭޓް ކޯޓުގައި މިހާރުވެސް ދަނީ ކުރިއަށެވެ. އެ މައްސަލައަކީ 2015 ވަނަ އަހަރު ހުށަހެޅި މައްސަލައެކެވެ.
މީގެ އިތުރުން މީހަކު ޖިންސީ އަމަލެއް ހިންގަމުންގެންދާ މަންޒަރު ނުވަތަ ފޮޓޯ ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރު ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އާއި ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އޭނާގެ މައްޗަށް ދައުވާ ކުރުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވެއެވެ. އެ ތިން ދައުވާވެސް އެ ކޯޓުގައި ކުރިއަށްދާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މި ދައުވާތަކުގެ އެއްވެސް މައްސަލައެއް ސާބިތުވެފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެނޑިޑެސީ ބާތިލުކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު