ނ. އިރުފުށި ހިންގުމުގެ މައްސަލާގައި ހިލްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 16.6 މިލިޔަން ހޯދުމުގެ މައްސަލަ ސަން ޓްރެވަލް އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މި މައްސަލައަކީ، ނ. އިރުފުށި ރިސޯޓު 20 އަހަރު ދުވަހުގެ މުއްދަތަށް، ހިންގުމަށް ހިލްޓަންއާ އެކު ސަން ޓްރަވަލްސް އިން 2009 ވަނަ އަހަރުގެ ފެބްރީއަރީ މަހުގެ 27 ވަނަ ދުވަހު ހަދާފައިވާ އެގްރީމެންޓް ބާތިލު ކުރުމުގެ މައްސަލައެކެވެ.

ހިލްޓަން އިން ރިސޯޓް ހިންގުމާ ހަވާލުވި ފަހުން، އެ ކުންފުނިން ކުރިއަށް އޮތް ފަސް އަހަރަށް ރިސޯޓު ހިންގަން ހުށަހެޅި، ފައިނޭންޝަލް ޕްރޮޖެކްޝަން ހުންނާނެ ގޮތް ދައްކުވައިދޭ ލިޔުމުގައި ބަޔާންކޮށްފައިވާ އަދަދާ ގާތްކުރާ އަދަދަށް ވެސް އެ ކުންފުނިން ޕާފޯމް ކޮށްފައި ނުވާ ކަމަށް ސަން ޓްރަވެލްސް އިން ވަނީ ބުނެފަ އެވެ.

އެ ލިޔުން އެކުންފުނިން ތައްޔާރުކޮށްފައި ވަނީ ހަރުދަނާ އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫން ކަމަށާއި އެއީ ހަމައެކަނި ސަން ޓްރެވަލްސް ލައްވައި އެގްރީމެންޓުގައި ސޮއިކުރުވުމުގެ ބޭނުމުގައި، ނެތް ހަގީގަތެއް ދައްކަން ތައްޔާރުކުރި ލިޔުމެއް ކަމަށް ވެސް ސަން ޓްރެވަލްސް އިން ބުންޏެވެ.

އެހެންކަމުން ހިލްޓަން މޯލްޑިވްސް އިން އެގްރީމެންޓާ ހިލާފު ވެފައިވާ ކަމަށް ބުނެ، ނޯޓިސް ދިނުމަށް ފަހު އެކަން ރަނގަޅު ނުކުރުމުން 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެގެރީމެންޓް ބާތިލުވެފައިވާ ކަން ސަން ޓްރެވަލްސްއިން ހިލްޓަން އަށް އެންގިއެވެ.

މި މައްސަލައިގައި، ބަދަލު ހޯދުމަށް ސަން ޓްރެވަލްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި އެ ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، އެ މުއާމަލާތުގައި ހިލްޓަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އަމަލުކުޅަ ގޮތުގެ ސަބަބުން ސަން ޓްރެވަލްސް އަށް ލިބުނު މާލީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 16.6 މިލިޔަން ޑިލަރު ހިލްޓަންގެ ފަރާތުން ސަން ޓްރެވަލްސް އެންޑް ޓުއާސް އަށް ދޭން ޖެހޭކަން ސާބިތު ވެއްޖެ ކަމަށް ކަނޑައަޅައި މި ބަދަލު އެ ކުންފުންޏަށް ލިބިދިނުމުގެ ގޮތުން ނުވައެއް މާޗް 2017 އިން ފެށިގެން މަދުވެގެން އެ މަހަކަށް ޖެހޭވަރު އެ މަހަކު ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ހުކުމް ކުރާ ކަމަށެވެ.

ނަމަވެސް މި ހުކުމާމެދު ހިތްހަމަ ނުޖެހިގެން ހިލްޓަންގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ބަލައި، ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލު ކުރިއެވެ.

ހުސްވި 2020 ވަނަ އަަހަރުގެ ޖުލައި މަހުގެ ހަ ވަނަ ދުވަހު ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ، އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަކީ، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފެންނާތީ، އެ ގަޒިއްޔާގައި ކޮށްފައިވާ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށެވެ.

ސަންޓްވެރަލް އިން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި ސްތިއުނާފުގައި ވަނީ، އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ބާތިލު ކޮށް ސިވިލްކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށްދިނުމަށް އެދިފަ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަށް މިމައްސަލަ ހުށަހަޅުއްވަމުން ސަންޓްރެވަލްސްގެ ވަކީލު، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް، އަހުމަދު މުއިއްްޒު ވިދާޅުވީ، ހިލްޓަން އިން އެގްރިމެންޓް ހެދުމުގައި ވަރަށް ބޮޑަށް އޮޅުވާލުންތަކެއް ކަމަށް ބެލެވޭ ކަންތަކެއް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އިރުފުށި ހިންގުމަށް ދެފަރާތުން ވެފައިވާ އެގްރީމެންޓަކީ ކޮންޓްރެކްޓުގެ ގާނޫނުުގެ ދަށުން ބާތިލު އެގްރީމެންޓެއް ކަމަށް ވެސް ވިދާޅުވިއެވެ.