ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެ، ރާއްޖެ އިން މަރުވި މީހުންގެ އަދަދު 125 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ 62 އަހަރުގެ ދިވެހި އަންހެނެއް މިއަދު 10:49 ގައި މަރުވެފައިވާ ކަމަށެވެ.

އެ ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އިތުރު މީހަކުވެސް މިއަދު ވަނީ މަރުވެފައެވެ. އެއީ 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖޭގައި އެންމެ ގިނައިން ކޮވިޑު ޖެހިގެން މީހުން މަރުވީ މިމަހުގައެވެ. މިމަހުގެ މިހާތަަނަށް 52 މީހަކު ވަނީ އެބަލީގައި މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 125 މީހުންގެ ތެރޭގައި ހިމެނެނީ 112 ދިވެހިންނާއި 13 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.