ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފަހުން ކޮވިޑަށް ޕޮޒިޓިވް ކަން އެނގުމުން ފެސިލިޓީއަށް ގެންދަނިކޮށް ފިލި ދެ މީހުން އަދިވެސް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

އެ ދެ މީހުން އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ، ހުކުރު ދުވަހުގެ ރޭގަ އެވެ. މަސްތުވަތާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި އެ ދެ ފިރިހެނުން ކޮވިޑަށް ޕޮޒިޓިވް ކަން އެނގުމުން ބަންދުން ވީއްލައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ބެލުމުގެ ދަށުން ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ވަނީ ފިލައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ދެ މީހުން އަދިވެސް ނުފެންނަ ކަމަށާއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ބައެއް މީހުން ނުފެނި އަދި ފިލާފައިވެސް ވެ އެވެ. އަދި އޭގެތެރެއިން ބައެއް މީހުން ހޯދުމަށް ފުލުހުން ފޮޓޯ ވެސް އާންމު ކުރި އެވެ.