ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ މައްޗަށް ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ނުކޮށް އޭނާ ބަންދު ކުރުމުގެ އަމުރެއް ނެރެދިނުމަށް ކޯޓުގައި އެދުނީ އެ ވަރަށް ހެކި ނެތިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކުރިކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އީސަ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް މި ދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓަށް ހުށަހެޅުމުން އެފަދަ އަމުރެއް ނެރެދެވެން ނެކަމަށް އެކޯޓުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މީހަކު އުފެއްދި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމު ވިދާޅުވެފައި ވަނީ، ގެވެށި އަނިޔާގެ ތުހުމަތުގެ ބައެއް މައްސަލަތަކުގައި މީގެ ކުރިން މަރާލަން އުޅުނު ކަމުގެ ދައުވާ ވެސް އުފުލާފައިވާ ކަމަށެވެ.
އެގޮތަށް ދައުވާ އުފުލަނީ ލިބިފައިވާ ހެކިތަކުގެ މައްޗަށް ކަމަށާއި މި މައްސަލާގައި އެފަދަ ނިންމުމެއް ޕީޖީން ނިންމުމަށް ހެކި ހޯދަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިއީ އެ މައްސަލައިގެ ތަހުގީގުގެ ކުރީކޮޅު ކަމަށް ވުމުން ވެސް ދައުވާ އުފުލުމާއި ބޮޑު ތުހުމަތެއް ކުރަން އަދި އިތުރު ވަގުތާއި ހެކި ބޭނުން ވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
އީސަގެ މައްޗަށް އުފުލި ގެވެށި އަނިޔާގެ މައްސަލައިގައި، އަސްރާ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ގޮސް ބަޔާން ވެސް ދީފައެވެ.
އެކަމާގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އީސަ ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށާއި އޭނާގެ ދާއިރާގެ ރައްޔިތުންނަށް ދެއްވާ ކަމަށެވެ. އަދި ފުލުހުންނާ މެދު އޭނާގެ އިތުބާރު އެބަ އޮތް ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އެމައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އީސަ ވަކިކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އީސައަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އޭނާ އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި ޕާޓީގެ އެތެރޭގެ ކޮމިޓީތަކުގެ މުގައްރިރުކަމުން އެކަހެރި ކުރުމަށް އެޕާޓީން ވަނީ ނިންމައިފައެވެ.
ހުސެއިން ޝަމީމް
ހުސެއިން ޝަމީމް