މި ސީޒަނުގައި ލިވަޕޫލަށް ކުރިމަތިވި ކަހަލަ ބޮޑެތި އަނިޔާގެ މައްސަލަތަކެއް މެންޗެސްޓާ ސިޓީއަށް ކުރިމަތިވި ނަމަ، އެޓީމަށްވެސް ލީގު ނުނެގޭނެ ކަމަށް ލިވަޕޫލް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަނުން ލިވަޕޫލަށް މި ސީޒަން ވެފައިވަނީ އަނިޔާގެ ބަދު ނަސީބުތަކާ ކުރިމަތިލާން ޖެހުނު ސީޒަނަކަށެވެ. ތަށި ދުފާއުކުރަން ނުކުތް ނުކުތުމަށް އެންމެ ބޮޑަށް ހުރަސް އެޅިފައިވަނީ ޓީމުގެ އެންމެ ވަރުދަގަ ދެ ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެންޑައިކާއި ޖޯ ގޮމޭޒްއަށް އަނިޔާގެ ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ގެއްލުމެވެ.

އެ ދެ ޑިފެންޑަރުންވެސް ކަކުލުގެ އަނިޔާއެއްގެ ސަބަބުން ސާޖަރީ ހަދާފައިވާއިރު، މިހާރު އަންނަނީ ރިކަވަރީގެ މަސައްކަތްތައް ކުރަމުންނެވެ. އެއާއެކު މި ސީޒަނުގައި ލިވަޕޫލްގެ ޑިފެންޑަރު ޖޯލް މަޓިޕް، ފަބީނިއޯގެ އިތުރުން ކެޕްޓަން ޖޯޑަން ހެންޑަސަން އަށްވެސް ވަނީ ބޮޑެތި އަނިޔާތައް ވެފައެވެ. ހާއްސަކޮށް ހެންޑަސަންއަށް ސީޒަންގެ ބޮޑު ބައެއް ގެއްލުމަކީ ލިވަޕޫލަށް ލިބިފައިވާ ފޫ ނުބެއްދޭ ވަރުގެ ގެއްލުމެކެވެ.

"ލިވަޕޫލަށް ކުރިމަތިވި ކަހަލަ އަނިޔާތަކެއް ކުރިމަތިވި ނަމަ ސިޓީއަށްވެސް ތަށި ނުނެގޭނެ. އެއްވެސް ޓީމަކަށް އެގޮތަށް ތަށި ނުނެގޭނެ. ސިޓީ ކިތަންމެ ރަނގަޅު ފޯމެއްގައި އޮތް ނަމަވެސް ތިން ސެންޓްރަލް ޑިފެންޑަރުންނަށް އަނިޔާވި ނަމަ ތަށި ނުނެގޭނެ. މެންޗެސްޓާ ޔުނައިޓެޑް ނަމަ ވާދަވެސް ނުކުރެވޭނެ. ލިވަޕޫލުން ވަރަށް މަސައްކަތް ކޮށް އުންމީދުވެސް ދަމަހައްޓައިފި. ޗެމްޕިއަންސް ލީގު ފުރުސަތު ލިބިއްޖެ ނަމަ އެއީ އެ އުންމީދުތައް މިވަގުތަށް ހާސިލުވެސް ވީ،" ކްލޮޕް ބުނެފައިވެއެވެ.

ކްލޮޕް ބުނެފައި ވަނީ މި ސީޒަނަކީ ލިވަޕޫލަށް އުނދަގޫ ސީޒަނެއް ނަމަވެސް ޓީމުގެ ކުޅުންތެރިން މެންޓަލީ ދެއްކި ތަފާތަކީ ފާހަގަ ކޮށްލަން ޖެހޭ ކަމެއް ކަމަށެވެ. ހާއްސަކޮށް ދަށް ދުވަސްތަކަކުން ގޮސް، ޓީމުގެ ފޯމް ރަނގަޅު ކުރަން ކުޅުންތެރިން ކުރި ބުރަ މަސައްކަތަށް ކްލޮޕް ވަނީ ތައުރީފު ކޮށްފައެވެ.

ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު ލިވަޕޫލް އަތުގައި އޮތްއިރު، މިފަހަރު ގަދަ ހަތަރެއް އެނގޭނީ ލީގުގެ ފަހު މެޗަށްފަހުގައެވެ.