ކޮވިޑަށް ޕޮޒިޓިވް ވި ދެ މީހަކު، ފެސިލިޓީ އަކަށް ގެންދަނިކޮށް ފިލައިފި އެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްކަން އެނގުމުން، ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެމީހުން ފިލާފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ބެލުމުގެ ދަށުން ކޮވިޑް ފެސިލިޓީ އަކަށް ގެންދަނިކޮށް ކަމަށް ބުންޏެވެ.

އެމީހުންގެ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ އިރު، އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި އެ ދެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

މީގެކުރިން ވެސް ކޮވިޑަށް ޕޮޒިޓިވް ވި ބައެއް މީހުން ފިލާފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.