ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށްގެންދާނެ ހުއްދައެއް ނުލިބި އޮތުމާއެކު ޓީމު ޑުބާއީގައި ކޭމްޕް ކުރަން ތައްޔާރުވެއްޖެއެވެ.
މިވަގުތު ހޮޓެލް ޖެންގައި ދިވެހި ޓީމު ކޭމްޕު ކޮށްގެން ތިބި އިރު، ގައުމީ ޓީމުން މާލޭގެ އެއްވެސް ދަނޑަކަށް ގޮސް ފަރިތަކުރުންތައް ކުރިއަށްގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުއްދަ ދީފައިނުވާ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) "ވަން" އަށް ވިދާޅުވެފައިވެއެވެ.
ޖަވާ ވިދާޅުވީ ކޮލިފިކޭޝަން މެޗުތަކަށް ޓީމަށް ތަމްރީނުތައް ބޭނުންވާތީ މާދަމާ ޑުބާއީއަށް ފުރުމަށް މަސައްކަތް ކުރާ ކަމަށާއި ޓީމުގެ ހުރިހާ ކަމެއް ހަމަޖައްސާނީ އެފްއޭއެމްގެ ހަރަދުގައި ކަމަށެވެ. ޓީމުން ޑުބާއީގައި ކޭމްޕް ކުރުމަށްފަހު ޗައިނާއަށް ދާ ގޮތަށް މިހާރު ހަމަޖައްސާފައިވާ އިރު، މި ދަނޑިވަޅުގައި ދަތުރުތައް ކުރުމަށްވެސް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.
ޓީމު ހޮޓެލް ޖެންގައި ކޭމްޕް ކޮށްގެން ތިބި އިރު، ތަމްރީނުތަކަށް ބޭރަށް ނުދެވުމަކީ އެންމެ ބޮޑު ޗެލެންޖެވެ. އެކަން ކޯޗު މާޓިން ކޫޕްމަންވެސް ވަނީ ފާހަގަކޮށްފައެވެ. ރާއްޖޭގެ ޓީމުން ޗައިނާއަށް ވީހާވެސް އަވަހަކަށް ދާން މަސައްކަތް ކުރަމުން އަންނަ އިރު، މިހާރު އޮތް "ޕްރެކްޓިސް ޕިޗަކީ" ހޮޓެލް ޖެންގެ ބޯލްރޫމްއެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިއްސާ ކުރައްވާފައިވާ ޓުވީޓަކުން އެ މަންޒަރު ދައްކުވައިވެސް ދެއެވެ.
ގައުމީ ފުޓްބޯޅަ ޓީމުން މިވަގުތު "ރީތި ހޮޓަލެއްގެ ތެރޭގައި" ކޭމްޕް ކޮށްގެން ތިބި ނަމަވެސް، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެތައް ޗެލެންޖްތަކެއް ކުރިމަތިވަމުންދާ ކަމަށް ކޯޗު މާޓިން ކޫޕްމަން ވަނީ ބުނެފައެވެ. ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މި މަހު 30 އިން އަންނަ މަހުގެ 15 ދުވަހާ ހަމައަށް ކުޅޭ މެޗުތަކަށް ތައްޔާރުވުމަށް ކޮންމެހެންވެސް ދަނޑެއްގައި ތައްޔާރުވާން ބޭނުންވާ ކަމަށްވެސް ކޯޗު ކޫޕްމަން ވަނީ ބުނެފައެވެ.
ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާއެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެ ވަނައިގައި އޮތް އިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު