ސޯޝަލް މީޑިއާގައި އިޒްރޭލަށް ތާއިދުކުރާކަން ހާމަކުރި ހަނިމާދޫ ސްކޫލުގެ ޓީޗަރަކު ސަސްޕެންޑުކޮށް އަނބުރާ ގައުމަށް ފޮނުވައިލުމަށް ނިންމައިފިއެވެ.

ހަނިމާދޫ ސްކޫލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ސްކޫލުގެ ސެޝަން އިންޗާޖް އަދި އެސްއެމްޓީ މެންބަރެއްގެ ގޮތުގައި ހުރި އިންޑިއާ ޓީޗަރުގެ ފަރާތުން ފެނިފައިވާ ދަށު ދަރަޖައިގެ އަމަލުތަކާ މެދު ހިތާމަކުރާ ކަމަށާއި އެ އަމަލު ސްކޫލުގެ ފަރާތުން ކުށްވެރިކުރާ ކަމަށެވެ.

އެގޮތުން އިޒްރޭލަށް ތާއިދުކޮށް އޭނާ ސޯޝަލް މީޑިއާގައި ފާޅުކުރި ޝުއޫރަކީ، އެ ސްކޫލުގެ ސްޓޭންޑާއި އަދި ދިވެހި ދައުލަތާއި ރައްޔިތުންގެ ސްޓޭންޑާއި ހިލާފު އަމަލެއް ކަމަށް ސުކޫލުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އޭނާ އެ އަމަލު ހިންގާފައިވަނީ، އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް އެ ސްކޫލުގެ 52 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތައް ނިންމާލިތާ 24 ގަޑިއިރު ނުވަނީސް ކަން ވެސް ސްކޫލުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

"އެ ޓީޗަރު މިހާރުވަނީ ސަސްޕެންޑްކޮށްފައި. ގައުމަށް ފޮނުވާލާގޮތަށް ނިންމާފައި،" ހަނިމާދޫ ސްކޫލުން ވަނީ ބުނެފައެވެ.

ފަލަސްތީނުގައި އިޒްރޭލުގައި ހިންގާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް މުޅު ރާއްޖޭގައި އަންނަނީ އަޑުއުފުލަމުންނެވެ. އަދި ދިވެހި ދައުލަތުން ވެސް ވަނީ އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް ފަލަސްތީނާއެކު ރާއްޖެ އިން އަބަދުވެސް ދެމިހުންނާނެ ކަން ހާމަކޮށްފައެވެ.