ފަލަސްތީނުގައި އިސްރާއީލުން އެކުރަނީ ނަސްލު ނައްތައިލުމުގެ ހަނގުރާމައެއް ކަމަށާއި ފަލަސްތީނު މިނިވަންކުރަން ހުރިހާ މުސްލިމުން އެކަތިގަނޑަކަށް ވެ، މަސައްކަތްކުރަން ޖެހޭ ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ފަލަސްތީނުގެ މައްސަލައަކީ ދާހިލީ މައްސަލައެއް ނޫން ކަމަށާއި އެއީ އަރަބިންގެ މައްސަލައެއް ވެސް ނޫން ކަމަށެވެ. އެއީ ހުރިހާ މުސްލިމުންގެ މައްސަލައެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"މުސްލިމުން ބިމަކަށް ކާފިރުން އަރައި، އެ ބިން ފޭރިގެންފި ނަމަ، އެމީހުންގެ ކެކުޅުންތަކަށާއި ގިސްލުންތަކަށާއި ރުއިންތަކަށް އިޖާބަދޭން ޖެހޭނެއެވެ. އެ ބިން މިނިވަންކުރުމަށްޓަކައި، އެންމެހައި މުސްލިމުން އެކަތިގަނޑަކަށް ވެ، މަސައްކަތްކުރަން ޖެހޭނެއެވެ. މި މުގައްދަސް ބިމުގެ މައްސަލަ އިސްލާމީ އުއްމަތުގެ މައްސަލައަކަށް ނުވާންވީ ކީއްވެ ހެއްޔެވެ؟ އެއީ މުސްލިމުންގެ ފުރަތަމަ ގިބުލައެވެ. މުސްލިމުންގެ އެންމެ މުގައްދަސް ތިން ހަރަމްފުޅުގެ ތެރެއިން އެއް ހަރަމްފުޅެވެ. ދަތުރު ހަދައިގެން ދިއުމަށް އަންގަވާފައިވާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ އެއްވަނަ ބޮޑު ހަނގުރާމައަށް ފަހު، ފަލަސްތީނު އިނގިރޭސީންގެ ދަށަށް ދިޔައީ މުސްލިމުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ނެތުމުގެ ސަބަބުން ކަމަށާއި ދެން ޔަހޫދީންގެ ހީލަތްތެރިކަމުން ފަލަސްތީނުގައި އެމީހުންގެ ވަތަނެއް އުފެއްދުމަށް އެހީތެރިވުމުގެ ވައުދެއް އިނގިރޭސީންގެ އަތުން ހޯދި ކަމަށެވެ. އަދި އެ ވައުދާ ވިދިގެން ދުނިޔޭގެ އެތަންމިތާނގައި އުޅުނު ޔަހޫދީން ފަލަސްތީނުގެ ބިމަށް ގެންގޮސް ވަޒަންވެރި ކުރުވި ކަމަށް ވެސް ބުނެފައިވެއެވެ.

"ދެން އިނގިރޭސީންނާއި ހުޅަނގުގެ ގައުމުތަކުގެ އެހީގައި ހަތިޔާރާއި ތަމްރީނު ހޯދައި، ޔަހޫދީން ފަލަސްތީނުގެ ބިމަށް ވެރިވެގަތީއެވެ. ފަލަސްތީނު މީހުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކަކީ ނަސްލު ނައްތައިލުމުގެ ހަނގުރާމައެކެވެ. ތަފާތު ސިފަސިފައިގައި އެމީހުން މި ހަނގުރާމަ ކުރެއެވެ. މީގެ ތެރޭގައި ނަމާދަށް ނުދެވޭ ގޮތަށް ފަލަސްތީނުގެ މިސްކިތްތައް ހިސާރުކުރުމާއި، އެމީހުން ބަނޑަށް ޖައްސައި ކަނު އަނދިރީގައި ބޭތިއްބުމާއި، ސާފު ބޯފެނާއި ފާހާނާ ކުރެވޭނެ ވަސީލަތްތައް ހަލާކުކޮށް، މުއާސަލާތީ ވަސީލަތްތަކާއި އަސާސީ ހިދުމަތްތަކުން މަހުރޫމު ކުރުމާއި، ޖަމާއީ އަދަބުތައް ތަންފީޒުކުރުން ހިމެނެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ މީލާދީން 1099 ވަނަ އަހަރު، ޖުލައި މަހުގެ 13 ވަނަ ދުވަހު ޞަލީބީން ގުދުސް ހިފި އިރު، އަމާން ދީފައިވާ މުސްލިމުންގެ 70،000 ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ކަތިލި ކަމަށާއި ޖުލައި 14 ވަނަ ދުވަހު ޞަލީބީންގެ ސިފައިންގެ ވެރިޔާ ރީމޯންޑު، އަލްމަސްޖިދުލް އަގްސާ ގޯތިތެރެއަށް ވަނީ، ޝަހީދުކޮށްލާފައިވާ މުސްލިމުންގެ ހަށިތައް މަތީ ހިނގާފައި ކަމަށެވެ. ނަމަވެސް މުސްލިމުންގެ ހިތްވަރުގަދަ ބަތަލު ސަލާހުއްދީނުލް އައްޔޫބީ 1187 ވަނަ އަހަރު ގުދުސް ފަތަހަ ކުރެއްވި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.