ކޮވިޑް ޖެހުމަށްފަހު ލޮލުގެ ފެނުން ގެއްލޭ އިންފެކްޝަން، މިއުކޯމައިކޮސިސް އަށް ޝައްކުކުރެވޭ މީހަކު ފެނިގެން ޓެސްޓުތައް ހެދުމަށް ނިންމައިފިއެވެ.

އެ އިންފެކްޝަނަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނުނު ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކާ ގުޅިގެން ސޯޝަލް މީޑިއާގައި ޑޮކްޓަރުންނަށް ވަނީ އެކަމުގެ ސުވާލުތަކެއް އަމާޒުވެފައެވެ.

އެކަމާ ގުޅޭ މައުލޫމާތު ހޯދުމަށް މީހަކު ޓުވިޓާގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވީ އެއީ އިންފެކްޝަނަށް ޝައްކުކުރެވޭ ކޭސްއެއް ކަމަށާއި ކަށަވަރުވާނީ ރިޕޯޓުތަކަށްފަހު ކަމަށެވެ.

މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުން ދަނީ އިންޑިއާގައެވެ. އެގޮތުން އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓާއި ގުޖުރާތު ސްޓޭޓުގައި މި ބަލި ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"ބްލެކް ފަންގަސް" ކިޔާ މި ބަލި މިހާރު އާއްމުކޮށް ޖެހެނީ ކޮވިޑް ޖެހުމަށް ފަހު ބަލީން ފަސޭހަވަމުން އަންނަ މީހުންނާއި އެއްކޮށް ފަސޭހަވެފައިވާ މީހުންނަށެވެ.

މި ބައްޔަކީ އާންމު ގޮތެއްގައި ބިިންމަތީގައި ނުވަތަ ކުނިވެ ހަލާކުވަމުންދާ މޭވާ އާއި ތަރުކާރީގައި ޖަހާ ފެއްސެއްގައި އެކުލެވޭ ފަންގަސް އަކުން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހޭ މީހުންގެ ލޯ އަނދިރިވުމުގެ އިތުރުން އެހެން ސިއްހީ މައްސަލަތައް ދިމާވެއެވެ. އޭގެ ތެރޭގައި ސައިނަސް އާއި ސިކުނޑި އަދި ފުއްޕާމެއަށް ވަރަށް ބޮޑަށް ގެއްލުންދެއެވެ.