ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ މައްޗަށް ހުށަހަޅާފައިވާ، ގެވެށި އަނިޔާގެ މައްސަލަ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ތަހުގީގު ކުރަމުންދާ ގޮތް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން މޮނިޓާ ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި، ބުނެފައި ވަނީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"މިފަދަ އަނިޔާތައް ތަހައްމަލު ކުރާ ފަރާތްތަކުން ލަސް ނުކޮށް ކަމާ ގުޅުން ހުރި އިދާރާތަކަށް އެ ފަދަ މައްސަލަތައް ހުށަހަޅައި އެހީތެރިކަން ހޯއްދެވުމަށްވެސް އިލްތިމާސް ކުރާ،" ކަމަށްވެސް އެޗްއާރުސީއެމުން ބުނެފައިވެއެވެ.

އީސައާ ގުޅޭ ގޮތުން ގެވެށި އަނިޔާގެ މައްސަލަ ހުށަހެޅީ އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވައްޓެރިއެކެވެ. އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެކެވެ.

އެ މައްސަލައިގައި އަސްރާ އިއްޔެ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ގޮސް ބަޔާން ވެސް ދީފަ އެވެ.

އެ މައްސަަލައާ ގުޅިގެން އިޖުތިމާއީ ކޮމެޓީގެ މުގައްރިރު ކަމުން މެންބަރު އީސަ ވަކި ކުރެއްވުމަށް ހުށަހަޅުއްވާފައިވާކަން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ 'ވަން' އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.