ކުޅިވަރު

ޔުވެންޓަސްއިން ކަޕް ކާމިޔާބު ކޮށްފި، ރޮނާލްޑޯއަށް އިތުރު ޝަރަފެއް

މުޙައްމަދު ޝަމްޢޫން

އެޓްލާންޓާ ބަލިކޮށް، އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ޔުވެންޓަސްއިން ހޯދައިފިއެވެ.

ސަސޫލީގެ މޭޕޭއި ސްޓޭޑިއަމްގައި 4300 ސަޕޯޓަރުންނާއެކު ކުޅުނު ފައިނަލް މެޗުގައި ޔުވެންޓަސްއިން އެޓްލާންޓާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ޖުވެންޓަސްއިން 14 ވަނަ ފަހަރަށް ކަޕް ކާމިޔާބު ކޮށްފައިވާއިރު، މިދިޔަ ތިން އަހަރު ތެރޭގައި އެޓްލާންޓާއިން ވަނީ ދެ ފަހަރަށް ފައިނަލްގައި ކުޅެ ބަލިވެފައެވެ. 1963 ވަނަ އަހަރަށްހު އެޓްލާންޓާއަށް އަދި ތަށްޓެއް ލިބިފައި ނުވާއިރު، 2019 ވަނަ އަހަރު ފައިނަލްގައި އެޓީމު ބަލިވީ ލާޒިއޯ އަތުންނެވެ.

ރޭ ކުޅުނު ފައިނަލްގެ 31 ވަނަ މިނިޓްގައި ޔުވެންޓަސް އަށް ލީޑުނަގައިިދިނީ ވެސްޓަން މެކެނީ ދިން ބޯޅައަކުން ޑޭޖާން ކުސުލެވްސްކީއެވެ. އޭގެ 10 މިނިޓް ފަހުން އެޓަލަންޓާގެ ރުސްލާން މަލިނޭސްކީ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެ ގޯލާއެކު ދެޓީމުގެ ފާރަތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސް، މެޗުގެ 73 ވަނަ މިނިޓްގައި ޔުވެންޓަސްއަށް ތަށި ޔަގީން ކޮށްދިނީ ފެޑެރީކޯ ޗިއޭސާ ޖެހި ގޯލުންނެވެ.

ރޭގެ މޮޅާއެކު އިތުރު ޝަރަފެއް ލިބިގެންދާ ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިހާތަނަށް ކެރިއަރުގައި ހަތަރު ގައުމެއްގައި ކުޅެފައިވާއިރު، އެ ހަތަރު ގައުމެއްގެ ކްލަބުތަކާއެކުވެސް ރޮނާލްޑޯ ވަނީ ތަށި ހޯދައިފައެވެ. ޔޫރަޕްގެ އެންމެ ވަރުގަދަ ލީގުތައް ކަމަށްވާ އިޓަލީ ލީގާއި، ސްޕެއިން ލީގުގެ އިތުރުން އިނގިރޭސި ލީގުގައި ރޮނާލްޑޯ ކުޅެފައިވާއިރު، އޭނާ ވެފައި ވަނީ އެ ތިން ލީގުގައިވެސް ޑޮމެސްޓިކް ދެ މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔަކަށެވެ. ތިން ލީގެއްގެ ތަށިވެސް މީގެ ކުރިން ކާމިޔާބު ކުރެވިފައި ވަނީ މަދު ކުޅުންތެރިޔަކަށެވެ. ހާއްސަކޮށް ޔޫރަޕްގެ އެންމެ ވަރުގަދަ ތިން ލީގުގައި އެކަން ކޮށްފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ރޮނާލްޑޯއެވެ.

ކޮވިޑް 19ގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި އެއް ގައުމު ކަމަށްވާ އިޓަލީގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނައިރު، ރޭގެ މެޗަކީ ކޮވިޑްގެ ހާލަތަށްފަހު ސަޕޯޓަރުންނާއެކު އިޓަލީގައި ކުޅުނު އެންމެ ފުރަތަމަ މެޗެވެ.

އުނދަގޫ ހާލަތެއްގައި އެގައުމުގެ ފުޓުބޯޅަ ކުރިއަށް ގޮސްފައިވާއިރު، ޔުވެންޓަސްއާއި ކޯޗު އެންދްރޭ ޕިރްލޯއަށްވެސް މިއީ ފަސޭހަ ސީޒަނެއް ނޫނެވެ. ނުވަ އަހަރަށްފަހު ލީގު ތަށި ގެއްލިފައިވާއިރު، ކަޕް ނުލިބުނު ނަމަ ސީޒަން ނިންމާލަން ޖެހިފައި އޮތީ ހުސް އަތާއެވެ. އެހެންނަމަވެސް ކަޕް ހޯދުމާއެކު ޕިރްލޯއަށް އަންނަ ސީޒަންގައިވެސް ޔުވެންޓަސްގެ ކޯޗުކަމުގައި ހުރެވޭނެ ކަމުގެ އުންމީދު ވަނީ އާވެފައެވެ.